އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުން ކާމިޔާބުވެއްޖެނަމަ، ހުވަދޫ އަތޮޅުގެ ދެކުނާއި އުތުރުގައި އިންޓަނޭޝަނަލް ދެ އެއާޕޯޓް ތަރައްގީ ކުރައްވާނެ ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ހުވަދު އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން ގއ. ވިލިގިލިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަަކަފުޅު ދައްކަވަމުންނެވެ.
އަދި ހުވަދު އަތޮޅަކީ އިންޓަގްރޭޓެޑް ޓުއަރިޒަމްގެ ޒޯނަކަށް ހަދައި، 10000، ޓުއަރިސްޓް އެނދު ހުވަދޫގައި ތަރައްގީ ކުރެވިގެން ދާނެ ކަމަށާއި އެގޮތުން، ގދ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ އިތުރުން، މިހާރު ކޫއްޑޫގައި އޮތް އެއާޕޯޓަކީ ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް ވިިލިގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ވިދާޅުވިއެވެ.
މީގެ އިތުރުން، ހުވަދޫ އަތޮޅުގައި ޓުއަރިޒަމް އިތުރަށް ފުޅާ ކުރުމުގެ ގޮތުން، ކޮލަމާފުށި ކައިރީ އޮންނަ، މާރަންދޫގައި ރިސޯޓެއް ގާއިމްކުރުމުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، އެ މަސައްކަތް ފުރިހަމަ ކުރައްވާނެ ކަމަށާއި، އޭގެ ތެރެއިން ގއ. އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދި އިތުރު ދޮރުތަކެއް ހުޅުވައިދެއްވާނެ ކަމަށްވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެބޭފުޅާގެ ސަރުކާރެއްގައި ހުވަދޫގެ ރަށްތަކަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންތައްތަކުގެ ތެރޭގައި، ގެމަނަފުށީގެ ބަނދަރު ބޮޑުކުރުމާއި، ހައުސިންގެ ޕޮލިސީގެ ދަށުން އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަވާނެ ކަމަށާއި، އަދި ހަމަ އެހެންމެ ގއ. ކޫއްޑޫ، ގެމަނަފުށީގެ އިތުރުން، ފިޔޯރީގައި މަސްވެރިކަމަށް ހާއްސަ މަޝްއޫރުތަކެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.
މީގެ އިތުރަށްވެސް ހުވަދޫއަށް އިގްތިސާދީ ގޮތުންނާއި ޢުމްރާނީ ގޮތުން ތަރައްގީ ގެނައުމަށްޓަކައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި، އަދި އެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކަންތައް ކުރައްވާނެ ގޮތްތައްވެސް ކަނޑައަޅާފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހުވަދޫ މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގަައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްވަނީ އެކަންތައްތައް ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން، އެ މަޝްރޫއުތަކަކީ ނުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، ރައްޔިތުން އެ ފުރުސަތު ދެއްވައިފި ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ވިދާޅުވިއެވެ.

