ހުވަދުއަތޮޅު ގުޅާލުމުގެ ނަމުގައި ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދައުވަތުދީގެން ތިނަދޫގައި ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް ތާވަލުކޮށްފައިވަނިކޮށް އެމްޓީސީސީއިން ހުވަދު އަތޮޅުގައި ބޭނުންކުރާ އާރުޓީއެލް ފެރީގެ ހުރިހާ ޚިދުމަތެއް މަދާމާ މެދުކަނޑާލާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޓީސީސީއިން މިއަދު އާންމު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާދަމާ (30 އޯގަސްޓް 2023) ވަނަ ދުވަހު އާރުޓީއެލް ޒޯނު 5 ގެ ފެރީ ދަތުރުތަށް މެދުކަނޑާލެވިފައިވާ ކަމަށެވެ. އަދި ޒޯން 5 އާއި ޒޯން 6 ގެ ކަނެކްޓިވިޓީ ރޫޓްގެ ދަތުރު ތަކެއްވެސް މާދާމާ ނޯންނާނެ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވާކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ހުވަދުއަތޮޅު ގުޅާލުމުގެ ނަމުގައި ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދައުވަތުދީގެން ތިނަދޫގައި ބާއްވާ ޝަރަފުވެރި ކުރައްވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެމަނިކުފާނު ތިނަދޫ އަށް ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. އަދި މާދާމާ ރޭ ތިނަދޫގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ.
ދިވެހިރާއްޖޭގެ ރަށްތަށް ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލާ އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ތައާރަފް ކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް މިހާރު ވަނީ ހުވަދުއަތޮޅުގައި ފަށާފައިއެވެ.
އާރުޓީއެލްގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ކަމަށް ބުނެ، ހުވަދު އަތޮޅުގެ ހުރިހާ ރަށަކުންނާއި، މާލެއިން ގިނަ ބަޔަކު ތިނަދޫ އަށް އަންނަ ގޮތަށް ރޭވިފައިވާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަސްމިއްޔާތަށް މީހުން އުފުލުމުގައި އާރްޓީއެލްގެ ހުރިހާ ލޯންޗް ތަކެއް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އަދި ރަަށުން ބޭރުން އަންނަ ފަރާތްތަކުގެ ކެއުމާއި، އެކޮމަޑޭޝަން ހަމަޖައްސަވާނެ ކަމަށް ބުނެފައިވީއިރު، މާލެއިން ތިނަދޫ އަށް އަންނަން ބޭނުންވާ ފަރާތްތަކަށް ޗާރޓަރ ފްލައިޓްތަކުން ޖާގަ ދޫކުރަމުން އެބަދެއެވެ.
އެގޮތުން މި ކަމާއި ގުޅުންހުރި ބައެއް ޑޮކިއުމެންޓްތައް ހުވަދޫ އަށް ލިބިފައިވާއިރު، މިކަން އިތުރަށް ކަށަވަރު ކުރުމުގެ ގޮތުން ޗާރޓަރ ފްލައިޓުން ޖާގަ ލިބޭތޯ ބެލުމަށް "ހުވަދޫ" އިން ގުޅާލުމުން ފަސޭހަ ކަމާއިއެކު ޖާގަ ކަށަވަރުވިއެވެ.
މީގެ އިތުރުން މިރަސްމިއްޔާތުގައި ބައިވެރިވުމަށް އަންނަ ފަރާތްތަކަށްް ޕޮކެޓް މަނީ އެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް "ހުވަދޫ" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
އާރުޓީއެލްގެ ޒޯން 5 ގެ ހުރިހާ ފެރީތަކުގެ އާންމު ޚިދުމަތް މެދުކަނޑާލާ، މާލެއިން ޗާރޓާރ ފްލައިޓްތައް ގިނަ ބަޔަކު ގޮވައިގެން އަންނައިރު، މި ކަމަކީ މާދަމާރޭ ތިނަދޫގައި އޮންނަ އެމްޑީޕީގެ ޖަލްސާއަށް އެމްޑީޕީގެ ސަޕޯޓަރުން އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ ކަމެއްގެ ގޮތުގައި ބައެއް އާންމު ފަރާތްތަކުން ދަނީ މީސްމީޑިއާގައި ސިފަކުރައްވަމުންނެވެ.

