ރާއްޖެއިން ޖުޒާމް ބަލި ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، 100 ރަށެއްގައި ބަލީގެ ކޭސް އުޅޭތޯ ބެލުމަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތަކީ، ދުނިޔެއިން އެންމެ ފުރަތަމަ އެ ބަލި ނައްތާލާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ފަށާފައިވާ މަސައްކަތެއް ކަމަށާއި، އެގޮތުން ބައްޔެއް ނައްތާލެވިފައިވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅަނީ، އެކަމަށްޓަކާ ހަދާ ސާރވޭތަކެއްގެ މައްޗަށް ބަލާފައި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރެއެވެ.
“ޒީރޯ ލެޕްރަސީ” ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ 2019 ވަނަ އަހަރު ނަމަވެސް ކޮވިޑް ގެ ބައްޔާއި ހެދި، ވަނީ އެ މަސައްކަތް މެދުކުނދިފައެވެ.
ރާއްޖޭގައި މި ބަލީގެ ތާރީޚަށް ބަލާއިރު، ގިނަ ބަޔަކު މި ބަލި ތަޙައްމަލުކޮށްފައިވެއެވެ. ނަމަވެސް 1982 ވަނަ އަހަރު ލެޕްރަސީ ބައްޔަށް ބޭސް ދޭން ފެށުމާއެކު، މި ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުކުރިއެވެެ. މިއާއެކު 1997 ވަނަ އަހަރު، ލެޕްރަސީއަކީ ދިވެހިރާއްޖޭގައި އާއްމު ޞިިއްޙަތަށް ނުރައްކާވާ ބައްޔެއް ނޫންކަމަށް ކަނޑައެޅިއެވެ.
އެޗްޕީއޭގެ ތަފާތު ހިސާބުތަކަށް ބަލާއިރު މިއަހަރު އަދި މި ބަލި ޖެހިގެން އެއްވެސް ރަށަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.
މި ބަލި ނައްތާލުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ސިއްޙީ ޚިދުމަތްތެރިންނަށް މިކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ރަށްރަށުން ސްކްރީންކޮށް ބަލި ރާއްޖޭގައި އުޅޭތޯ ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށާއި، އެގޮތުން މިއަހަރުގެ ނިޔަލަށް މި 100 ރަށަކީ ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ، ރާއްޖެ “ޒީރޯ ލެޕްރަސީ” ލަނޑުދަނޑު ޙާސިލުކުރުމަށް ކުރެވޭ ބޮޑު މަސައްކަތެއްކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.
ރަށްރަށުގައި ކުރިއަށް ދާ މި މަސައްކަތުގައި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައިވެރިވާ އިރު، މިކަމަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމަށް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މި ބައްޔަކީ ޖަރާސީމެއްގެ ޒަރީޢާއިން ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި އާއްމުކޮށް ޖެހެނީ ހަމާއި، ނާރުތަކާއި ނޭވާލާ ނިޒާމާއި އެތެރެހަށީގެ ގުނަވަންތަކަށެވެ. ބަލި ހަށިގަނޑުގެތެރެއަށް ވަނުމަށްފަހު، އަލާމަތްތައް ފެނުމަށް 5 ވަރަކަށް އަހަރު ނަގާއިރު، ބަލި ދެނެގަނެވި ގަވައިދުން ފަރުވާކުރާނަމަ، ބަލި ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑުތަން ކުޑަކޮށްދެއެވެ.
މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ނާރުތައް ދުޅަވުން، ހަމުގައި ދަދު، ފެތުރި، ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިޙްސާސު ކެނޑިފައި ހުރުން ހިމެނެއެވެ. ބަލި ފެތުރެނީ ބަލިޖެހިހުރިކަން ނޭންގި، ފަރުވާ ނުކޮށް ހުންނަ މީހަކާއެކު ގިނަ ދުވަހު އުޅުމުންނެވެ.

