ގދ. ތިނަދޫގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަށް ޗައިނާ ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީއިން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެވެ.
މި ކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 30 މަސްދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް 76 މިލިޔަން އެމެރިކާ ޑޮލަރަށެވެ.
ގދ. ތިނަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެކެވެ. ހެލްތް މިނިސްޓްރީއިން ވިދާޅުވީ، މި ތިނަދޫގައު ތަރައްޤީކުރާ މި ހޮސްޕިޓަލަކީ އައު ސަރަޙައްދެއްގައި ތަރައްޤީކުރެވޭ ހޮސްޕިޓަލްތަކެއް ކަމަށެވެ.
ހެލްތް މިނިސްޓްރީއިން ވިދާޅުވީ، ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑަކީ މިހާރުވެސް ރާއްޖޭގައި މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށް ވުމުން މަސައްކަތް އަވަސް ސްޕީޑުގައި ނިންމާލެވޭނެކަމަށެެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެކްޒެކެޓިވް ޢަބްދުލް ހައްނާން ހުސެއިނެވެ. އަދި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޑް ޖިންހުއިއެވެ.
އަތޮޅުތަކުގެ ޞިއްޙީ ފަރުވާގެ ކަންކަން ހަރުދަނާކޮށް ޚިދުމަތައް އިތުރަށް ފުޅާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ރާޢްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ތިނަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީގައިވެސް ޓާރޝަރީ ހޮސްޕިޓަލެއް އެޅުމަށް އިއްޔެ ވަނީ ސޮއެ ކޮށްފައެވެ.
ތިނަދޫ ޓާރޝަރީ ހޮސްޕިޓަލަކީ މި ސަރުކާރުގެ ވަޢުދެކެވެ. އަދި ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މަސައްކަތް ކުރެވެމުންދާއިރު، ޓާރޝަރީ ހޮސްޕިޓަލަކީ ހުންނަންޖެހޭނެ ތަނެއްކަމަށް ގާނޫނު ބުނެއެވެ.

