ގދ.ތިނަދޫއިން ކަރަންޓު ކެނޑި މައްސަލަ ހައްލު ނުކުރެވި އޮންނަތާ 3 ގަޑިއިރު ވެއްޖެއެވެ.
ރޭ 9:30 ހާއިރު ކަރަންޓު ގޮސްފައިވާއިރު، މީގެ އިރުކޮޅެއް ކުރިން ތިނަދޫ ކައުންސިލްގެ ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ތިނަދޫ އިންޖީނުގޭގައި ބޭނުން ކުރަމުންދިޔަ ޕެނަލްބޯޑް ތަކަށް ދިމާވި މައްސަލަތަކާ ގުޅިގެން މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށް ފެނަކަ ޓެެކްނިކަލް ޓީމުންކުރަމުންދާ މަސައްކަތުން ރަށުގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ފޯރު ކޮށްދެވިފައިވާ ކަމަށެވެ.
ތިނަދޫއިން ކަރަންޓު ކެނޑި ބޮޑު ބަޔަކަށް އަދިވެސް ކަރަންޓު ފޯރުކޮށްދެވިފައި ނުވާއިރު، ތިނަދޫގައި އަލަށް ގާއިމު ކުރަމުން ދިޔަ އިންޖީނުގޭ މާދަމާ ހުޅުވާ ގޮތަށް ވަނީ ރޭވިފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ މާދަމާ ތިނަދޫ އަށް ކުރައްވާ ދަތުރުފުޅުގައި އެ އިންޖީނުގެ ހުޅުވުމަށް ނިންމާފައިވާއިރު، 2020 ވަނަ އަހަރު މަސައްކަތް ފެށި އެ އިންޖީނުގެގޭ މަސައްކަތް މުޅިން ނިންމާލެވިފައި ނުވެއެވެ.
އެހެން ނަމަވެސް، އެ އިންޖީނުގޭގެ ނަންބޯޑު އިއްޔެ ހަރުކޮށްފައިވާއިރު، މިރޭ ތިނަދޫ އިން ކަރަންޓު ކެނޑިގެން އުޅެން ޖެހުމުގެ ސަބަބުން ތިނަދޫ ރައްޔިތުން ދަނީ މީސްމީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.

