ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ކެމްޕެއިން ދަތުރުތައް މިހާރު ކުރައްވަމުން ގެންދަވާއިރުގައި، ކޮންމެ ރަށަކަށް ވަޑައިގެން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވަމުންދާއިރު، މި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިންވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ޚާއްސަވެގެން ދެއެވެ. ސަބަބަކީ މިހާރުވެސް ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވުމާއި، އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުވެފައިވާ ގިނަ ވަޢުދު ނުފުއްދިފައި ހުރުމުންނެވެ.
މިއަދު ހަވީރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ދަތުރުގެ ތެރެއިން ގދ.ތިނަދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، 2018 ވަނަ އަހަރު ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ތިނަދޫއަށް ވަޑައިގެން ވެފައިވާ ވައުދުތަކުގެ ތެރެއިން ގިނަ ވަޢުދު ނުފުއްދި ހުރިކަން ފާހަގަކޮށްލެވެއެވެ.
2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ އެމަނިކުފާނުގެ ވެރިކަމެއްގައި ކުރާނެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

31 އޯގަސްޓް 2018 ވަނަ ދުވަހު އެމްޑީޕީ އިން ތިނަދޫގައި ބޭއްވި ބޮޑު ޖަލްސާ
ތިނަދޫގެ މަސްވެރިންނަށް ވެފައިވާ ވަޢުދު
ރައީސް ސޯލިހް 2018 ގެ ތިނަދޫ ކެމްޕެއިން ޖަލްސާގައި ވިދާޅުވެފައިވަނީ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދިނުމުގެ ގޮތުން، ރާއްޖެ އިން ބޭރަށް ގޮސް، ވިއްކޭނެ މަގުފަހިކޮށް ދެއްވާނެ ކަމަށެވެ. އަދި ރާއްޖެ އިން ބޭރުން މަސް ގަންނަން ބޭނުންވާ ފަރާތްތަކުން، ރާއްޖެ އައިސް ސީދާ މަސްވެރިންގެ އަތުން މަސް ގަނެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެހެން އެކަން ނުވާނެ. ބާނާ މަހަށް، އެ ފައިސާ އަށް ބަދަލުވެގެން ދާނެ،" – ރައީސް ސޯލިހް (2018)
މީގެ އިތުރުން، ފަސޭހަކަމާއެކު، މަސް ކިރުވޭނެ ނިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށް، އައިސް އާއި ޑީސަލް ފަސޭހަ އިން ފޯރުކޮށްދެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާނެ ހުނަރުވެރިން ތަމްރީން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް ސޯލިހް ވަނީ މަސްވެރިކަން އާ ޖީލަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެމުގެ ދަތިކަން ހައްލުކުރުމަށް، އެން ދިރުވައި، ރައްކާ ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. ރައީސް ސޯލިހްގެ ވާހަކައިގައި މަސްވެރިންނަށް ދިމާވެފައި ހުރި އެހެން ބައެއް ކަންބޮޑުވުންތައް ވެސް ހިއްސާ ކުރެއްވި އެވެ.
"މަސްވެރިންނަށް އެބަހުރި ކަންބޮޑުވުންތައް. އެކިއެކި ކްރެޑިޓް ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރިއެއް ނުވެވޭ. މިސާލަކަށް އެސްޓީއޯ އިން ދޫކުރާ ކްރެޑިޓްގައި މަސްވެރިންނަށް ބައިވެރިއެއް ނުވެވޭ. އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ދިގު މުއްދަތަށް ފައިސާ ދައްކާ ގޮތަށް ލިބޭ ތަކެތި މަސްވެރިންނަކަށް އެ ތަންތަނުން ދުލެއް ނުކުރޭ، – ރައީސް ސޯލިހް (2018)
ރައީސް ސޯލިހް ވަނީ އިދިކޮޅު ވެރިކަމެއްގައި، މަސްވެރިންނަށް ކްރެޑިޓް ސްކީމްތަކުގައި ބައިވެރިކޮށް، ބޭންކުތަކުން ލޯން ލިބޭނެ މަގު ފަހި ކޮށްދިނުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. އަދި މަސްވެރިކަމުގައި ގިނަ ދުވަހު އުޅޭ މީހުންނަށް ޕެންޝަނެއް ކަނޑައެޅިގެން ދާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާނެ ހުނަރުވެރިން ތަމްރީން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަސްވެރިކަން އާ ޖީލަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ތިނަދޫގައި ވިޔަފާރި އާއި އިޖުތިމާއީ ކަންކަން ކުރިއަރުވާނެ ކަމަށް ވީ ވަޢުދު
ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައިވެއެވެ. އަދި އޭގެ ފަހުން ޓާރޝަރީ ފެންވަރުގެ އިތުރު އާ ހޮސްޕިޓަލެއް ތަރައްގީ ކޮށްދެއްވާ ގޮތަށް އެއަށް ބަދަލު ގެނައިކަންވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.
އަނެއް ވައުދަކަށް ވެވަޑައިގެންނެވީ ކުރިއެކޭ އެއްގޮތައް ތިނަދޫއިން ފުރައިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް މުދާ ގެނައުމުގެ ފުރުސަތު އަނެއްކާ ވެސް ދެއްވުމެވެ. ތިނަދޫ އިން ފުރައިގެން ރާއްޖެއިން ބޭރަށް ގޮސް މުދާ ގެނައުމަށް ހުރަސްތަކާ ކުރިމަތިވީ ސަރުކާރުތަކުން ގެނައި ސިޔާސަތުތަކެއްގެ ސަބަބުން ކަމަށް ވިދާޅުވެ އެފުރުސަތު މިސަރުކާރުން ފަހިކޮށްދޭނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ސީދާ މި ރަށުން ވެސް ރާއްޖެއިން ބޭރުން މުދާ ހިފައިގެން އައުމުގެ ފުރުސަތު ދޭނަން،" – ރައީސް ސޯލިހް (2018)
މީގެ އިތުރުން ރައީސް ސޯލިހްގެ އިތުރު ވަޢުދަކަށް މަސްވެރިކަމަށް ބޮޑެތި ދޯނި ފަހަރު ބަނދެ، ފްރީޒް ކުރެވޭނެ ގޮތަށް އެ ދޯނިތައް ފަރުމާ ކުރުމަށްޓަކައި ލުއި ލޯނު ސަރުކާރުން ދޫކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަދި ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގްވާމީކޮށް ތިނަދޫއާއި ކާޑެއްދޫ ބުރިޖަކުން ގުޅުވާލާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ވަޢުދުވެ ވަޑައިގެންފައިވެއެވެ.

