މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ ޓޭބަލް ޓެނިސް ޑަބަލްސް އިވެންޓްތަކުން ރަން އަދި ރިހި މެޑަލް ރާއްޖޭގެ ޕެއާތަކުން ހޯދައިފިއެވެ.
މިމަހުގެ 25 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ރާއްޖގޭ ދީމާ އާއި ރަފާގެ ޕެއާ ވަނީ ފައިނަލްގައި މޮރިޝަސްގެ ހޮސެނަލީ ޔޫމެހާނީ އާއި ޖަލިމް ނަންދޭޝްވަރީގެ ޕެއާ އަތުން ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ.
ރޭ ކުޅުނު އަންހެން ޑަބަލް އިވެންޓްގެ ފައިނަލް މެޗް ރަފާއާއި ދީމާ ކާމީޔާބު ކޮށްފައިވަނީ، 11-03، 11-08، އަދި 11-06 އިންނެވެ.

ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި މަޑަގަސްކަރައިގެ ނަޓިވެލް ޖޮނަތަން އާއި ރަންޑްރިއާނަންޓޮއަންޑްރޯ މަހެފާ ލޫސިއާނޯ އަތުން ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އާއި މުޙައްމަދު ޝައްފާން އިސްމާއިލްގެ ޕެއާ 09-11، 08-11، އަދި 04-11 އިން ބަލިވީއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައިވެސް ރާއްޖޭގެ ޓީޓީން ތިން މެޑަލް ހޯދާފައިވާ އިރު، މިއަހަރުގެ މިހާތަނަށްވެސް ކުރިން ހޯދި ތިން ރަން މެޑަލް ވަނީ ދިފާއުކޮށްފައެވެ. އެފަހަރުވެސް އަންހެން ޑަބަލްސްއިން ރާއްޖޭގެ ދީމާއާއި ރަފާ ރަން މެޑަލް ހޯދި އިރު، މިފަހަރު ރަން މެޑަލް ހޯދީ އިއްޔެ މޮރިޝަސްގެ ޕެއާއާ ވާދަކޮށްގެންނެވެ. ރަފާއާއި ދީމާ ވަނީ މިއަހަރުގެ މުބާރާތުގައިވެސް ވާދަކުރި ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. ސެމީ ފައިނަލްގައި މޮރިޝަސްގެ ކިނޫއާއި ޑެސްކަންގެ ޕެއާއާ ވާދަކޮށް، ރަފާ އާއި ދީމާ ކުރިހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

