ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހަށް ކައިރިވީއެވެ. ފޯރީގައި ކެމްޕެއިން ދަތުރުފުޅާއި ވައުދުފުޅުތަކެއް ކޮންމެ ކެންޑިޑޭޓަކުވެސް ވަމުން ދަނީ އުއްމީދާއި އެކުގައެވެ.
މިމަހު ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުުން ވާދަކުރާއިރު މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރިޔާސީ އިންތިހާބެއްގައި މިއަދަދަށް ކެންޑިޑޭޓުުން ވާދަކުރާ ފުރަތަމަ ފަހަރެވެ.
ވިހި ތޭވީސް ރިޔާސީ އިންތިހާބަކީ އެތައް ގޮތަކުން ހާއްސަ އިންތިހާބަކަށް ވަނީީ ވެފައެވެ. ސިޔާސީ މަސްރަހާއި ސިޔާސީ އޮއިވަރު މިނެކިރުމުގައި ގިނަ ހިސާބުތަކެއް މި އިންތިހާބުގައި އެބަ ހަދަންޖެހެއެވެ.
ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް އެއްބުރުން ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވިފައިނުވެއެވެ. ސިޔާސީ ވިސްނުން އެއްފަރާތް ކޮށްލުމަށްފަހު ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ކުޑަކޮށް ނަޒަރު ހިންގާލަމާ ހިގާށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރަން، ވައުދުތައް ރައްޔިތުންގެ ކުރިމައްޗަށް ގޯންޏެއްހެން އެބަ އޮއްސާލަ އެވެ. އެ ވައުދުތަކާ އެކު، ކޮންމެ ކެންޑިޑޭޓެއްގެ ވެސް އުއްމީދަކީ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމެވެ. އަޑަށް ބާރުލާފައި ގޮވަނީވެސް " އެއްބުުރުން. "އެއްބުރުން " އެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ފިކުރު، އެމްޑީޕީ އާއި ޕީޕީއެމަށް ވެސް އެ ޔަގީންކަން އެބައޮތެވެ. އެހެންނަމަވެސް ޕީޕީއެމް މިހެން ކިޔުނުކަމަށް ވިޔަސް ހުރީ ޕީއެންސީގެ ކެންޑިޑޭޓެކެވެ. ކޮންމެއަކަސް ޕީޕީއެމޭ ކިއިދާނެއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުން. އެކަމުގެ ވަރަށް ބޮޑު އުންމީދެއް އަދި ޔަގީންކަން އެބައޮތް – ރައީސް ސޯލިހު –
މިއީ ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ޖުމްލައެކެވެ.
އިންތިހާބަށް ކޯލިޝަނަކާ އެކު ނުކުމެވަޑައިގެންނެވުނު ހަމައެކަނި ބޭފުޅަކީ އެ މަނިކުފާނު ކަމަށް ވިދާޅުވެއެވެ. އެމްޑީޕީ އިސްވެ އޮވެ އެކުލަވާލި އަދާލަތާއި އެމްޑީއޭގެ ކޯލިޝަނުން ނަތީޖާ ދައްކާނީ އެއްބުރުން ކަަމަށް ތަކުރާރުކުރައްވަ އެވެ.
އެހެންނަމަވެސް ތަފާސް ހިސާބާކަށް ޖެހިލަމާ ހިނގާށެވެ. ވެރިކަންކުރާ އެމްޑީޕީގެ އެންމެ ޗާލާ ޒަމާނުގައި އައި ރިޔާސީ އިންތިހާބެއްގެ ނަތީޖާއަށް ނަޒަރު ހިންގާލަމާ ހިގާށެވެ.
08 އޮކްޓޯބަރ 2008 ގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ޖުމްލަ 6 ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީން ވާދަކުރި މުހައްމަދު ނަޝީދު ( އަންނި ) އަށް ލިބިވަޑައިގެންނެވީ 44,293 ވޯޓެވެ. އެއީ ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ 208252 ގެ ތެރެއިން %25 އިންސައްތަ މީހުންނެވެ.
އެހެންނަމަވެސް އެއިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން ބަދަލަކަށް ނިކުމެ 97,222 ވޯޓާއި އެކު އެފަހަރު ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓަކީ ރާއްޖޭގައި އެކަނި އެކަކަށް އެންމެ ގިނަވޯޓެވެ.
ޖެހިގެން އައި 2013 ގެ ރިޔާސީ އިންތިހާބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެރިކަމަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި 53,099 ވޯޓު ހޯއްދެވިއެވެ. ނަމަވެސް އެއިންތިހާބުގެ ފުރަތަމަ ބުރު ކޯޓުން ބާތިލް ކޮށް އަލުން ވޯޓުލިއިރު 61,278 ވޯޓު ހޯއްދެވިއެވެ. ނަމަވެސް އެއިންތިހާބުގައި ވެސް ރައީސް ނަޝީދު 96,764 ވޯޓު ހޯއްދެވިއެވެ.
އެއިންތިހާބުގެ ތިންވަނަ ބުރުގައި ރައީސް ނަޝީދާއި ވާދަކޮށް 111,203 ވޯޓު ހޯއްދަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. ފާހަގަ ކޮށްލަންޖެހޭ ކަމަކީ އެ އިންތިހާބުގައި ރައީސް ޔާމީންއަށް ކާމިޔާބުވީ އެހެން ޕާޓީތަކުގެ އެހީތެރިކަމާއިއެކުއެވެ.
މިވާހަކަތައް ހަނދާނަށް ގެންނަން މިޖެހުނީ ދިވެހިރާއްޖޭގައި ރިޔާސީ އިންތިހާބެއްގައި އެކަނި އެއްޕާޓީ އެއް ވާދަކޮށް އެއްބުުރުން އިންތިހާބު ކާމިޔާބު ކުރެވިފައިނުވާކަމެވެ
ރާއްޖޭގެ ސިޔާސީ އޮއިވަރު ވަރަށްބޮޑަށް ހަލަބޮލިވެ މަޝްރަހު ބަދަލުވަމުން ދިޔައީ ނިކަން ބާރަށެވެ. އެފަހުން ކުރިމާތިވި އިންތިހާބަކީ 2018 ގެ ރިޔާސީ އިންތިހާބެވެ. ރައީސް އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ތިބީ އެމަނިކުފާނާއި އަދުކޮޅަށެވެ.
ނަތީޖާއެއްގެ ގޮތުން އެފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވަނީ އެއްގަލަކަށް އަރައި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނުވާފައެވެ. 2018 ގެ ރިޔާސީ އިންތިހާބުގައި ހުރިހާ ޕާޓީތަކުން 134,705 ވޯޓު ހޯއްދެވިއެވެ. ރައީސް ޔާމީން އެކަނި 96,052 ވޯޓު ހޯއްދެވިއެވެ.
ދެވަނަ ބުރަކަށް އަޅުގަނޑުމެން އިންތިޒާރެއް ނުކުރަން – އަބްދުއް ރަހީމް އަބްދުﷲ –
ރިޔާސީ އިންތިހާބު އެއްބުރުން ނިންމާނެ ކަމަށް ލީޑަރުން ސިޔާސީ މަންޒަރު ކުރެއްސެވިޔަސް 2018 ގެ އިންތިހާބާ މި ފަހަރު ތަފާތެވެ. ރިޔާސީ އިންތިހާބުގައި މުޖައްރިބު ފޯމިއުލާ، އެ ފަހަރު ފުރަތަމަ ބުރަށް ދެއްކިޔަސް މި އިންތިހާބުގައި މިއޮތީ ވޯޓުތައް ބައިބައިވެފަ އެވެ.
މިމަހު ނުވައެއްގައި އޮންނަ އިންތިހާބު، އެއް ބުރުން ކާމިޔާބު ކުރެވޭނީ ގާތްގަނޑަކަށް 142،000 ވޯޓުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 280,000 މީހުންގެ 51 ޕަސެންޓެވެ.
2018 ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 28,000 މީހަކު ވޯޓުގައި ބަައިވެރިނުވެއެވެ. ހަމައެގޮތަށް 2023 އިންތިހާބުގައި އެންމެ ގޯސް ހަލަތުގައި 20,000 މީހަކު ވޯޯޓު ނުލައިފިނަމަ 260,000 ވޯޓުގެ %51 ކަމުގައިވާ 132,000 ވޯޓު ކަށަވަރުކުރާ ފަރާތުން އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ އެވެ.
އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމްއެންޕީން މުހައްމަދު ނާޒިމް ވާދަކުރައްވަ އެވެ. ޑިމޮކްރެޓްސް އިން އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ފާރިސް މައުމޫނާއި އުމަރު ނަސީރު އަދި ހަސަން ޒަމީލް ވާދަކުރައްވަ އެވެ.
ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ދެ ކެންޑިޑޭޓުންނާ އެކު ދެން ފެންނާނީ އަނެއްކާވެސް ކޯލިޝަންތަކެވެ. މި ނޫން ގޮތަށް، އިންތިހާބު ކާމިޔާބުކުރުމަކީ ރާއްޖޭގެ މިއޮތް ނިޒާމުގައި ފަސޭހަ ކަމެއް ނޫނެވެ.
ގާނޫނު ނުދަންނަ ކަމަކަށް ވިޔަސް އިންތިހާބު ކާމިޔާބުވާން އޮތް ގޮތަކީ ކޯލިޝަނެވެ. އެކަނި ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭ ނަމަ ޔާމީނަށް 2018 ގައި އެކަން ކުރެއްވުނީހެވެ.
އަދި، އެމްޑީޕީގެ ވެރިކަން 2012 ގައި ވެއްޓި، އެ ހިނގައިދިޔަ ކަންކަމާ އެކު ބޭއްވި 2013 ގެ އިންތިހާބުގައި، ޑިމޮކްރެޓްސްގައި އިސްކޮށް މިހާރު އުޅުއްވާ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުވާނެ އެވެ.
އެކަމަކު ދެ ބޭފުޅުން އިންތިިހާބުން ބަލިވީ، ދެކޮޅަށް އެކުލަވާލި ބޮޑު އިއްތިހާދުންނެވެ. މި ފަހަރު ވެސް އެއްބުރެއް ނޫނެވެ. ދެބުރެވެ. ފާޓުފުޅާ ބޮޑު ކޯލިޝަނެކެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. ކަންވާނެގޮޮތާއި، ވަމުންދިޔަ ގޮތްމިފެންނަނީ އަހަރުމެން ބަލަން ތިބޭ މީހުންނަށެވެ. ކެތްތެރިކަމާއި އެކު ތިއްބަވާށެވެ. ބާކި އެއް ހަފްތާއެވެ.

