މިއަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށް ސަންގު ޓީވީއިން ބާއްވާ “ސަންގު ބަހުސް” ގެ ޕާރޓްނަރއެއްގެ ގޮތުގައި ހުވަދޫ މީޑިއާ ހަމަޖައްސައިފިއެވެ.
“ސަންގު ބަހުސް”ގެ ޕާރޓްނާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މިއަދު ސަންގު ޓީވީ އާއި ހުވަދޫ މީޑިއާއި ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއެ ކޮށްފައެވެ. މާލޭ ބިލަބޮންގް ސްކޫލްގައި އޮތް ސޮއެ ކުރުމުގެ މި ރަސްމިއްޔާތުގައި، ސަންގު ޓީވީގެ ފަރާތުން ސޮއެ ކުރެއްވީ ސަންގުޓީވީގެ ނިއުސްހެޑް ޝަހުބާން ފަހުމީ އަދި ހުވަދޫ މީޑިއާގެ ފަރާތުން ސޮއެ ކުރެއްވީ، އެޑިޓަރ، ފާތިމަތު ތައުފީޤް އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސް ކުރިއަށްގެންދަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި ގުޅިގެންނެވެ. ގައުމީ ޔުނިވާސިޓީގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ރޭވިފައިވާ މި ބަހުސްގައި އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވުމުގެ ދައުވަތުވަނީ ފޮނުވިފައެވެ.
ހުވަދޫގެ އިތުރުން މި ބަހުސްގެ ޕާރޓްނަރުންގެ ގޮތުގައި، ދިޔަރެސް، އަދަދު، ވަގުތުޓީވީ، ޗެނެލް13، ވީނިއުސް އަދި އައިސްޓީވީ ހިމެނެއެވެ.
މިހާރު ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންގެ އިތުރަށް އަމިއްލަ ކެންޑިޑޭޓުންވެސް ވަނީ ބަހުސް އަށް ދިން ދައުވަތު ގަބޫލުކުރައްވާ އެކަން އަންގާފައެވެ.
ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކެނޑިޑޭޓުން:
- ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
- ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް
- އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް
- ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް
- އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު އުމަރު ނަސީރު
- އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު ފާރިސް މައުމޫނު
- އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑޑޭޓު ހަސަން ޒަމީލް
ސަންގުޓީވީން ރިޔާސީ އިންތިޚާބާ ދިމާކޮށް ބާއްވާ “ސަންގު ބަހުސް” ބޭއްވުމަށް ނިންމާފައިވަނީ މިރޭ 21:00 އިން 23:00 އަށެވެ.
“ސަންގު ބަހުސް” އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. އަދި މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

