ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި ރާއްޖޭގެ އެންމެ ދެކުނުން ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ބޯ ވާރެއާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލް ނެރެފިއެވެ.
އެގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ރީނދޫ ސަމާލް ނެރެފައިވަނީ، މެނދުރުފަހު 14:15އާ ހަމައަށް އާ ދެމެދަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިވަގުތުތަކުގައި އެސަރަަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ.
އެއިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުންވެސް އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސްވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހާއި ހަމައަށް ދިގުދެމިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ އެހި ހިސާބަށްވެސް އެކި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ވިއްސާރަވެ ފެންބޮޑުވެދާނެތީ މުދަލަށް ރައްކާތެރިވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރުފަތުރު ކުރާފަރާތްތަަކުން ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެމްއެންޑީއެފްއިންވެސްވަނީ އިލްތިމާސްކުރައްވާފައެވެ.

