ކުރިއަށް އޮތް 5 އަހަރުގައި މިހާރު ނަގަމުންދާ ޓެކްސަތައް ފިޔަވާ އިތުރު އެއްވެސް ޓެކްސްއެއް ނެގުމަށް ނުފެންނަ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ނުފެންނަ ކަމަށް ކެނޑިޑޭޓުން އިއްތިފާޤުވެއްޖެއެވެ.
ކެނޑިޑޭޓުން މިހެން އެއްބަސްވެވަޑައިގެންފައިވަނީ ، މިއަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށް ސަންގު ޓީވީއިން ކުރިއަށް ގެންދާ “ސަންގު ބަހުސް” ގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މި ބަހުސްގައި ވާހަކަ ދައްކަވަމުން ހުރިހާ ކެނޑިޑޭޓުން އިއްތިފާޤުވެފައިވަނީ މިހާރު ނަގަމުންދާ ޓެކްސްތަކުގެ އިތުރަށް އެއްވެސް ޓެކްސްއެއް ރައްޔިތުންގެ އަތުން ނުނަގާނެ ކަމަށެވެ. އެހެން ނަމަވެސް، މިހާރު ނަގަމުންދާ ޓެކްސްތަކަށް ހަރުދަނާ އުސޫލު ތަކެއް ކަނޑައަޅާނެ ކަމަށްވެސް ކެނޑިޑޭޓުންވަނީ ވިދާޅުވެފައެވެ.
ރިޔާސީ ކެނޑިޑޭޓް ފާރިސް މައުމޫން އަށް ލިބިވަޑައިގެންނެވި ފުރުސަތުގައި، ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ، މިހާރު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ މިންވަރު ކުޑަކޮށްދޭނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސްގައި ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެފައެވެ.

