ރާއްޖޭގެ ވެރިކަމާއި ހަވާލުވެ، އާއިލާގެ އެއްވެސް ފަރާތަކަށް، ސަރުކާރުގެ ތެރެއިން ވަޒީފާއެއް ދީފައި ނުވާނެކަމަށް، ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިހް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށްގެން، ސަންގު ޓީވީން ކުރިއަށް ގެންދިޔަ “ސަންގު ބަހުސް” ގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
އެ ބަހުސްގައި، ރައީސް ސޯލިހުގެ ސަރުކާރުގެ ދައުލަތުގެ އިސް މަގާމުތަކުގައި، އެމަނިކުފާނުގެ އާއިލާގެ މެމްބަރުން ތިބިކަމަށް ފާހަގަކުރެއްވުމުން ރައީސް ޞޯލިހް ވިދާޅުވީ، ކޮއްކޯފުޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރަނީ، މިދިޔަ ވެރިކަމުން ފެށިގެން ކަމަށާއި، އެމަނިކުފާނު ވެރިކަމާއި ހަވާލުވުމަށްފަހު، އެފަދަ މަގާމުތަކުން އެއްވެސް ފަރާތެއް ވަކިކޮށްފައި ނުވާނޭ ކަމަށާއި،، އަދި ވެރިކަމާއި ހަވާލުވެ، އާއިލީ ފަރާތަކަަށް މަގާމެއް ނުވަތަ ވަޒީފާއެއް ސަރުކާރުގެ ތެރެއިން ދީފައި ނުވާނޭ ކަމަށެވެ.
އަދި މީގެ އިތުރަށް އާއިލާއަށް ވަކި ނުފޫޒެއް ފޯރުވުމަށް، ނުވަތަ އެފަދަ މަގާމެއް ހޯދައިދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސްގައި ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެފައެވެ.

