ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް ކަމަށް، ޖުމްހޫރި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށްގެން، ސަންގު ޓީވީން ކުރިއަށް ގެންދިޔަ “ސަންގު ބަހުސް” ގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޖެހުނީ ހިތްދަތިކަމާއި ވޭނުގައި އަނިޔާ ތަހައްމަލު ކުރައްވަން ކަމަށެވެ.
މި ބަހުސްގެ ތެރެއިން، ވެރިކަން ލިބިވަޑައިގެންފި ނަމަ، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް ޖަލަށް ލާފާނަންތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވީ، އެއްވެސް ބޭފުޅަކަށް ބޭއިންސާފުން އަނިޔާއެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި، ނަމަވެސް އެބޭފުޅާއަކީވެސް، މީގެ ކުރީގެ ސަރުކާރުތަކުގައި، ބާރުގެ ބޭނުންކޮށްގެން ކުރި އަނިޔާގެ ޝިކާރައަކަށް ވި ބޭފުޅެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާއާއި ކުރިމަތިލާންޖެހުނު ކޮންމެ މީހަކަށް އެ އަނިޔާ ލިބިފައިވަނީ ވަރަށް ބޭއިންސާފުން ކަމަށާއި، އަދި އެބޭފުޅާއަކީ، އެއްވެސް ބަޔަކަށް އަނިޔާއެއް ދޭން އެދޭ އަދި އެ ނިޔަތުގައި މައްސަލައެއް ބަލައި، ޖަލު ހުކުމެއް އިއްވާނެ ވެރިއެއް ނޫން ކަމަށްވެސް ގާސިމް އެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވިގޮތުގައި، ރައިސް ޔާމީންގެ ދައުރުގައި، ޝަރުއީ ނިޒާމްގެ ތެރެއަށްވެސް އިންތިހާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، އެގޮތުން އޭރު ހުކުމްތައް ނެރެމުން ގެންދިޔައީ ޔާމީން ބޭނުންފުޅުވި ގޮތަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސްގައި ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެފައެވެ.

