ހަވޮއްޑޭ ތުއްތީދީ އަކީ ވަރަށްވެސް ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތެކެވެ. މީނާގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އަލްއަމީރު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލޭގެފާނަށް ފޮނުއްވެވި ހަބަހުގެ ރައިވަރަކީ ވަރުގަދަ ރައިވަރެކެވެ. މި ރައިވަރަކީ ތުއްތީދީއަށް ދީފައިއޮތް ފަޅުރަށެއް އެއްވެސް ކަމަކާއިނުލައި ކިލެގެފާނު ނެންގެވީމާއި އެކަމާއި ރުޅިއައިސްގެން ފޮނުއްވެވި ރައިވަރެވެ.
އަންނަބީލު ޢަބްދުލްމަޖީދު ދީދީ، ފަހުން އަލްއަމީރު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނުގެ ރަސްކަމުގައި ހަވޮއްޑޭ ތުއްތީދީ އަށް ދެއްވާފައިއޮތް ފަޅުރަށެއް އެއްވެސް ކަމަކާއިނުލައި ކިލެގެފާން ނެންގެވީއެވެ.
މިކަކާމާއި ހިތްހަމަނުޖެހި ތުއްތުދީދީ ކިލެގެފާނަށް ފޮނުވީ ހަބަހުގެ ރައިވަރަރެކެވެ.
މިއަދު ކަމަކާނުލާ
ތިއަތިލޭ އެތެރޭގެމާ
ނިޔަތު އަބަދަށް ގެހިތުރާ
ތިޔަކަމާ ހައިރާނުގާ
ކިޔަމެފުން މާނައެއް ނުކޮށް
ފިޔަވައި ދީން ދޫނުކޮށް
ކިލެގެފާނު މިރައިވަރު ކިޔާފައި އެއްގޮތަކަށްވެސް ތުއްތީދީ މިފޮނުވި ރައިވަރުގެ މާނަ ދޭހައެއް ނުވިއެވެ. ކިލެގެފާނު އެކި މީހުންކައިރީ އަހައިގެންވެސް މާނަ ދޭހައެއްނުވިއެވެ. “ޅެމުގެ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގަ” އޭ ބުނެވޭ ގޮތަށް ތުއްތީދީ މިފޮނުވި ރައިވަރުގެ މާނަވެސް މިއޮތީ އޭނާގެ ބަނޑުގައިތާއެވެ.
ކިލެގެފާނަށް މިރައިވަރުގެ މާނަ ދޭހަނުވެގެން ތުއްތީދީ ކައިރިއަށް މީހަކު ފޮނުވައިފިއެވެ. ޖަވާބުގައި ތުއްތީދީ މިފަހަރު ފޮނުވީ ތިންބަސް ރައިވަރެކެވެ.
އަކުރު ހަބަހުގެ ހަތަރުވަނަ
ފަކުރު ނެތި ޒާތަކަށް ލައި
ތަކުރާ ފާނދެ އެކުލަވައި
ކިލެގެފާނު ތުއްތީދީ ފަހުން ފޮނުވި ތިންބަހުގެ ރައިވަރު ކިޔާފައި ކުރިން ފޮނުވި ހަބަހުގެ ރައިވަރުގައި ބުނެފައިވާ އެއްޗެއް ރަނގަޅަށް ފަހުމުވެއްޖެއެވެ. ތުއްތީދީގެ އުދާސް އައުގުރާނަކުން ކިލެގެފާނަށް ރައްދުކުރީއެވެ.
ހަ ބަސް ރައިވަރުގެ ކޮންމެ ބަހެއްގެ ހަތަރުވަނަ އަކުރު ނަގައި އެކުލަވައި ކިޔާލީމާ ކިޔޭނީ “ކަލޭ އަމ**” އެވެ.
މީހުންގެ މުދަލާއި މީހުން ކުރަން އުޅޭ މަސަތްކަތްތަކަށް ތިމާ އަތުގައި ބާރު އޮންނަ ދުވަހު ބާރުގެ ބޭނުން ކޮށްގެން ހުރަސް އެޅިދާނެއެވެ. މިފަދަ ފަރާތްތަކަށް ހަވޮއްޑޭ ތުއްތީދީގެ ހަބަހުގެ ރައިވަރު ފުދޭނެއެވެ.

