ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަދަލުވި ގޮތް ތަހުގީގު ކުރަން އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް މިހާރު ވީތަނެއް ނޭނގޭ ކަމަށާއި އެ ރިޕޯޓަށް ވީ ގޮތް ބަލަން މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މީގެކުރިން ވެސް ކޯނީ ރިޕޯޓް “ނައްތާލީ” ކަމުގެ ތުހުމަތު އޮތީ ފެންމަތިވެފަ އެވެ. މި މައްސަލާގައި ކުރީގެ ރައީސަކާއި އެ ރައީސްގެ ކެބިނެޓުގެ ދެ ވަޒީރަކު ޕޮލިހަށް ހާޒިރުކުރަން ނިންމާފައިވާ ކަން އެނގިފައިވެ އެވެ.
މިއީ ދައުލަތުގެ ކޮން ކަހަލަ ބޮޑު ސިއްރެއްތޯ. މިއަދަކު އެއެއް ނެތް. އެކަން ބަލައި ތަހުގީގު ކުރީމަ އެނގޭނީ އޭގައި ޒިންމާވާ މީހުން. އަޅުގަނޑުމެން ފުލުސް އޮފީހަށް ހުށަހަޅައިގެން އެކަން ބަލަމުން މި އަންނަނީ، – ރައީސް ސޯލިހު –
އިންކުއަރީ ކޮމިޝަން އެކުލަވާލީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވާން ހިނގާފައިވާ ގޮތް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބަލައި ހޯދައި، އެކަމުގެ ރިޕޯޓެއް އެކުލަވައިލުމަށެވެ. އެ ވެރިކަން ނިމުނީ އެ ރިޕޯޓުގައިވާ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ރިޕޯޓާ ގުޅިގެން، އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު އޮގަސްޓް، 30، 2012 ގައި ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ވެސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެ ވެރިކަން ނިމުނީ، އެ އެމްޑީޕީން ތުހުމަތު ކުރި ގޮތަށް ބަޣާވާތަކުން ނޫން ކަމަށާއި ގާނޫނީ ގޮތުން ސައްހަކޮށް ކަަމަށެވެ.

