އިންތިހާބާއި ދިމާކޮށް ރަށްރަށަށް ސިޓީއެއްގެ ދަރަޖަ ދެނީ އޮޅުވާލައިގެން ވޯޓު ހޯދަން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ފުވައްމުލަކަށް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެކަށީގެންވާ ތަރައްގީއެއް ނުގެނެސް، ކަންކަން ކުރާނެ އިތުރު ފައިސާއެއް ފޯރުކޮށްނުދީ ހަމައެކަނި ނަމެއްގައި ބައެއް ރަށްރަށަށް ސިޓީގެ ދަރަޖަ ދޭތީ ކަންބޮޑުވެލައްވާ ކަމަށެވެ.
މި ބޭފުޅުން ސިޓީގެ ދަރަޖަ މި ދެނީ ކޮން ކަހަލަ ސިޓީއަކަށްތޯ؟ ބޭސް ސިޓީއަކަށް ވުރެ ވެސް، ހުސް ސިޓީއުރައެއް ކަހަލަ އެއްޗަކަށް ސިޓީގެ ދަރަޖަ މި ދެއްވަނީ – ޤާސިމް –
ސިޓީއެއްގެ ދަރަޖަ ދޭ އިރު، އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެ ރަށަކަށް އިތުރު ކެޕިޓަލާއި ތަރައްގީ އާއި ފައިސާ ހޯދޭނެ މަގު ތަނަވަސްކޮށްދޭން ޖެހެ އެވެ.
އޭގެން އެއްވެސް ކަމެއް ނުކޮށްދީ، ރައްޔިތުންނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ގޮތަށް ހަމައެކަނި ނަމެއްގައި ސިޓީގެ ދަރަޖަ ދެނީ ގާސިމް ތުހުމަތު ކުރެއްވި ގޮތުގައި އިންތިހާބާ ދިމާކޮށް ވޯޓު ހޯދަން ރައްޔިތުންގެ “ލޮލުގައި އަޅުވާލައި އަނދުނެއް” ގޮތަށެވެ.
ގާސިމްގެ ދެއްކެވި ވާހަކާގައި އޭނާގެ ބައިވެރިވުން އޮވެގެން ވެރިކަމަށް ގެނައި ސަރުކާރުތަކަށް މިއަދު ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނޫނާ ހިލާފަށް ގާޒީއަކު ބަންދުކުރުމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ހިޔާނާތުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ދެކުނުގެ ކަނޑުން ބޮޑު ބައެއް ގެއްލުވައިލުން މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
“އަޅުގަނޑު ވެސް މި ބޭފުޅުން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރީމޭ. އޭރަކު އަޅުގަނޑަކަށް ނޭނގެ މިއީ މި ވަރުގެ ހިޔާނާތްތެރިން ކަމެއް،” ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު ވެސް ވިދާޅުވީ އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން އެއް ފަހަރު ކުރި ވެރިކަން ވެސް ފެއިލުވީ ކަމަށާއި، މި އިންތިހާބު އެ ދެ ޕާޓީއަށް ވެސް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

