ކުރީގެ ރައީސް އަބުދުﷲ ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒުގެ ކެމްޕޭނަށް ރަސްމީކޮށް ނިކުމެވަޑައިގަތުމާއި އެކު ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންގެ ޖޯޝާއި ފޯރިއާއެކު ރައީސް ޔާމީންއަށް އޮތް ތާއީދާއި ލޯބި ދައްކާލައިފިއެވެ.
މެޑަމް ފާތުން އަލުން ސިޔާސީ ހަރަކާތަކަށް ނިކުމެވަޑައިގަތީ ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވުމަށްފަހުގައެވެ.
ޑރ.މުއިއްޒުގެ ކެމްޕޭންގައި ރަސްމީކޮށް މެޑަމް ފާތުން ބައިވެރިވެ ވަޑައިގެން މިރޭ ދިވެހީންގެ ޖަގަހާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވަރަށް ޖަޒުބާތީ ވަގުތުކޮޅުތަށްވެސް ދިޔައެވެ.
ސަޕޯޓަރުންގެ ޖޯޝާއި ފޯރި ފެނި މެޑަމް ފާތުންނަށް ކީރިތި ކުރެވުނެވެ. އެއާއި އެކު ބައެއް ސަޕޯޓަރުންގެ ލޮލުން ކަރުނައައި ތަންފެނުނެވެ. އެއަށްފަހު މުލި ސަޕޯޓަރުން އެކުވެ މުޅި ހޯލު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ މުޅި ލީޑަރޝިޕާއި އާންމު މެމްބަރުން މިވީ ފަސް އަހަރު މުޅި ހަކަތަ ހުސްކޮށްލައިގެން ތިބީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށެވެ. އެމަސައްކަތުގައި މިހާރު ލިބެނީ އިތުރު ހިތްވަރެއް ކަމަށާއި، މެޑަމް ފާތުންގެ ފެނިލުމަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިޚާބަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ދިވެހި ރައްޔިތުން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެކަން ކުރުމަށް ދިވެހި ރައްޔިތުން ބޭނުން ވެފައިތިބި މިންވަރު ހާމަވާކަމަށާއި، ރައީސް ޔާމީންގެ ހައްގުގައި ދިވެހި ރައްޔިތުން މިސަރުކާރު ބަދަލުކޮށް، ޑރ. މުއިއްޒު ވެރިކަމަސް ގެންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

