ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ތިނަދޫ ސިޓީން ވަރަށް ހޫނު މަރުހަބާ އެއް ދަންނަވައިފިއެވެ.
ރިޔާސީ ކެމްޕެއިނަށް ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ގއ އަތޮޅަށް ވަޑައިގެންފައިވާއިރު، މިއަދު ވަނީ ވިލިގިއްޔަށް ވަޑައިގެންފައެވެ. އެރަށުން ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ޤާސިމާއި ޖޭޕީގެ ލީޑަރޝިޕަށް އެ ރަށުން ވަނީ ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.
ވިލިގިއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގިނަ ކަންތައްތަކެއް ކުރައްވައި ޣައިރު ގާނޫނީ ގޮތުން ކުރައްވައި އެތައް ބައިވަރު ނާޖައިޒު ކަންތައްތަކެއް ކުރެއްވުމުގެ ސަބަބުން އެމަނިކުފާނު ޖަލުގައި ބެހެއްޓި ކަމަށެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމުން ނުކުންނަވާ ކޮންމެ ބޭފުޅަކަށް ވޯޓު ދެއްވަން ނުޖެހޭ ކަމަށެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމް ވެރިކަން ކުރައްވަން ފެއިލްވެފައިވާ ކަމަށް ވިދާޅުވިއެވެ.
“ބޮޑު ތަނުން ފެއިލްވެއްޖެ. ކުޑަކޮށެއް ނޫން. އެހެންވީމަ އަލަގިރި ގަހަކުން ކެޔޮ ނިރެއް ނުފަޅާނެއޭ މުސްކުޅިން ބުނެ އުޅެނީ، އެ ޕާޓީތަކުގެ ތެރެއިން ނުނިކުންނާނެ ރަނގަޅު މީހަކު. ޖެހޭނީ އެކަކު ސަލާމަތްކޮށްދޭން އަނެކަކު،” ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ތިނަަދޫ ސިޓީ ދަތުރުފުޅުގައި މިރޭ ތިނަދޫ ސިޓީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

