ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ކިބައިގައި، ރައީސްއަކަށް ވުމަށް ހުންނަން ޖެހޭ ހުރިހާ ޝަރުތުތަކެއް ހަމަވާ ކަމަށް، ކުރީގެ ނައިބު ރައީސް، އަދި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޖިހާދު ވިދާޅުވީ، ގާސިމްއަކީ ހީވާގި މުރާލި، އަދި ހިތްތިރި އޯގާތެރި ބޭފުޅެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންގެ އެ ސިފަތައް ނެތް ކަމަށާއި، ގާސިމްއަކީ އެހެން އެއްވެސް ކެންޑިޑޭޓަކަށް އަރާ ހަމަ ކުރެވޭނެ ބޭފުޅެއް ނޫން ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.
“އެމަނިކުފާނަކީ ހީވާގި މުރާލި، ކެތްތެރި އަދި އޯގާތެރި ހިތްތިރި ބޭފުޅެއް. ރައީސްއެއްގެ ގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް ފުރިހަމަ ބޭފުޅެއް. ކުރިމަތިލާފައިވާ ހުރި އެހެން އެއްވެސް ބޭފުޅެއްގެ އެ ސިފަތަކެއް ނެތް އަޅުގަނޑު ބެލިއިރު. އަދި ޓްރެކް ރިކޯޑްއަށް ބެލިނަމަވެސް، އެމަނިކުފާނަކީ، އެހެން އެއްވެސް ކެންޑީޑޭޓަކު އަރާހަމަ ކުރެވޭނެ ބޭފުޅެއް ނޫން. މިހާރުވެސް އެމަނިކުފާނަކީ ކުޑަ ސަރުކާރެއް ހިންގަވާ ބޭފުޅެއް.” ޖިހާދު ވިދާޅުވިއެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި، ތިނަދޫ ރައްޔިތުން އެދޭފަދަ ތަރައްގީގެ މަޝްރޫއުތައް ރަށަށް ގެނެސްދެއްވާނެ ކަމަށާއި، އަދި ގާސިިމްގެ އަރިހުން ރައްޔިތުން އެދިފައިވާ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޖިހާދުވަނީ ދެއްވާފައެވެ.

