ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ކ. އަތޮޅުގައި ގާއިމް ކުރާ ޑްރަގް ރިހެބިލިޓޭޝަން މަރުކަޒު ކ. ކާށިދޫގައި ގާއިމުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު ކ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅުގެ ތުލުސްދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ އޭނާ މިއަދު ކާށިދޫ އަށް ވަޑައިގެން ގިނަ މަޝްރޫއުތަކެއް ހިންގުމަށް އިއުލާނު ކުރެވުނު ނަމަވެސް އިއުލާނު ނުކުރެވި އިން މަޝްރޫއު އަކީ ޑްރަގް ރިހެބިލިޓޭޝަން މަރުކަޒެއް ކާށިދޫގައި ގާއިމް ކުރުން ކަމަށެވެ.
“އަޅުގަނޑު މިއަދު ވާނީ މި އަތޮޅުގެ ކާށިދޫ އަށް ވަޑައިގެން ގިނަ މަޝްރޫއުތަކެއް އިއުލާނުކޮށްފައި. ވަގުތު ކުޑަތަން ވުމާއި ގުޅިގެން އަޅުގަނޑަށް އިއުލާނު ނުކުރެވި ވާނެ އެއް މަޝްރޫއު. އެއީ މި އަތޮޅުގައި ޑްރަގް ރިހެބިލިޓޭޝަން މަރުކަޒެއް ގާއިމް ކުރުން. އެހެންވީމާ ޑްރަގް ރިހެބިލިޓޭޝަން މަރުކަޒު ގާއިމް ކުރާނީ ކާށިދޫގައި”
ތުލުސްދޫގައި ގިނަ މަޝްރޫއުތަކެއް މުއިއްޒު އިއުލާން ކުރައްވާފައި ވާއިރު ތުލުސްދޫގެ ސްކޫލު މިހާރު ހުރި ފެންވަރަށް ވުރެ ރަނގަޅު ކުރާނެ ކަމަށާއި ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލް އަކާއި އިތުރު ކްލާސްރޫމްތަކެއް ހައްދަވާ އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވާދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ވޭތުވެގެން ދިޔަ 5 އަހަރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް އެތައް ވައުދުތަކެއްވެ ވަޑައިގެން ނަމަވެސް އެއްވެސް ވައުދުތަކެއް ފުއްދަވަ ނުދެއްވާފައިވާ އިރު ވެރިކަން ނިމެން ބާކީ 4 ދުވަހަށް ވީމަ ރަށްރަށުގެ ބިން ހިއްކުމަށް މެޝިނަރީތައް މިހާރު ދެން ގެނައުމުގެ ބޭނުމެއް ނެތް ކަމަށް، ވިދާޅުވެ ޕީއެންސީގެ ކެންޑިޑޭޓްވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
ޒުވާނުން މިއަދު ވަޒީފާގެ ބިރުން އުޅޭ މަންޒަރު މުއިއްޒު ބައްލަވަމުން ގެންދަވަނީ ހިތާމަކަމާއެކު ކަމަށް ވެސް މުއިއްޒު ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.
“އަޅުގަނޑުމެންނަށް ފެނިގެންދޭ ބައެއް ޒުވާނުން ސަރުކާރު ނޫން ޕާޓީއެއްގެ ކެންޑިޑޭޓަށް ތާއިދުކުރުމަށް ޖެހިލުންވާ މަންޒަރު. ސަފަށް އަރައިގެން ކެންޑިޑޭޓާ ސަލާން ކުރަން ހުންނަ ތަން ވެސް އެމީހުން ވަޒީފާ އަދާ ކުރާ ސުޕަވައިޒަރަަކަށް ފެނިއްޖެއްޔާ ވަޒީފާއިން ވަކިކޮށްފާނެތީ އުޅެނީ. ވަޒީފާގެ ބިރުވެތިކަމުގައި” މުއިއްޒު ވިދާޅުވިއެވެ.
ރަށްރަށަށް ވަޑައިގަތުމުން ސަލާން ކުރުމަށްޓަކައި ސަފަށް އެރުމަށް ވެސް ގިނަ ޒުވާނުން ޖެހިލުންވަނީ އެމީހުން ވަޒީފާ އަދާ ކުރާ ތަންތަނުގެ މުވައްޒަފުން ފާރަ އަށް ތިބެފައި ވަކި ކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

