ރާއްޖޭގެ ދެކުނު ހަތަރު އަތޮޅުގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.
މިކަން އިޢުލާންކޮށް ގދ ތިނަދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވި ބައްދަލުވުމުގައި ޕޮލިސް ސަބް ރީޖަން ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީފު ފުލުހުންގެ މުއައްސަސާގައި ބޭނުން ކުރެވޭ ވަސީލަތްތަކާއި، އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލު ގެނެސް ރައްޔިތުންނާއި ގާތުން ޚިދުމަތްދެވޭނެ މަގު ފަހި ކުރުމަކީ ފުލުހުންގެ އެންމެ ބޮޑު އަމާޒުކަމަށެވެ.
ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން މިހާރު މަދުން ނަމަވެސް ފެންނަ މައްސަލަތައް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑީ ވޯން ކެމެރާގެ ބޭނުންކުރުމުގެ ކުރިން އަޖުމަ ބެލުމުގެ ގޮތުން މިދިޔަ އަހަރު ކުރީ ކޮޅުގައި ޓްރައަލް ހަރަކާތެއް ވެސް ފުލުހުން ކުރިއަށް ގެންދިޔައެވެ.
ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ޑެޕިއުޓީ ކޮމާންޑަރުު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު މުސްލިމް ވިދާޅުވީ އިންތިހާބުގައި ފުލުހުންގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ގޮތުން މިފަހަރު ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.
އެހެންނަމަވެސް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަކީ ނުރައްކަލެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވަނީ ބުނެފައެވެ.
މުސްލިމް ވިދާޅުވީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހަމަކޮށް ހުރިހާ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ވޯޓު ކަރުދާސްތަކާއި، ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އިލެކްޝަންސްގެ ބެއްލެވުމުގެ ދަށުން ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
"މި އިންތިހާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރާ ގޮތަށް ވަނީ ހަމަޖެހިފައި. ބޮޑީ ވޯން ކެމެރާ އާއިއެކު ފުލުހުން ވޯޓުލާ މަރުކަޒު ތެރޭގައާއި، ޕޯލިން ސިސްޓަމް ތަކުގައިވެސް ހަރަކާތްތެރިވާނެ. އަދި ކެމެރާ ބޭނުން ކުރާނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް." މުސްލިމް ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޮޕަރޭޝަން ކޮމާންޑާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ އިންތިހާބުގައި ވޯޓުލާ މަރުކަޒެއްގައި ނުވަތަ ޕޯލިސް ސްޓޭޝަނެއްގެ ކުރިމަތީގައި ކިއު ހަދައިގެން މޭޒާއި ގޮޑި ޖަހައިގެން ތިބުމުގެ ސަބަބުން މުޅި އިންތިޒާމަށް ބުރޫ އަރާ ކަހަލަ ހާލަތްތައް އަންނާތީ އެފަދަ ހާލަތްތަކުގައި ގޮޑި މޭޒު ބެހެއްޓުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ޕާޓީއަކުން ކަނޑައަޅާ އެހެން އިންތިޒާމެއްގެ ތެރޭގައި އެހެން ސަރަހައްދެއްގައި އެކަން ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަން ފާހަގަކުރެއްވިއެވެ.
މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅިދާނެ ފަދަ ކަންތައްތަކެއް ފާހަގަކުރެވޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝާކިރު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް އެއްވެސް ޕާޓީއަކުން އެދަފަ މައުލޫމާތެއް ވެސް އަދި އެފަދަ މައްސަލައެއް ވެސް ހުށަހަޅާފަ ނުވާ ކަމަށެވެ.

