އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ސަރުކާރުން ފެނިގެންދަނީ ގޮތް ހުސްވެގެން އުޅޭ ތަންކަމަށް، އެމްއެންޕީން ވިދާޅުވެއްޖެއެވެ.
އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމަުން، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އޭޖެންޓް އަހުމަދު އުޝާމް ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރުމަސް ސަރުކާރުންގެންދަނީ ގާނޫނާއި ގަވާއިދާއި ޚިލާފަށް ވަރަށް ގިނަ ކަންތައްތައް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އޭގެ ބަދަލު، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ރައްޔިތުންގެ ތާއީދު ހޯދަމުން ގެންދަވަނީ، އެ ޕާޓީގެ ސިޔާސަތުތަކާއި މެނިފެސްޓޯ ދައްކައިގެން ކަމަށް އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ތެރެއިން ގެންދަވަނީ، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި، އޭގެ ތެރެއިން ގާނޫނާއި ގަވާއިދު ފުޑުފުޑުކޮށްލުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
“މިއީ ވަރަށް ދެރަ ކަމެއް. އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކޮށްގެން ގެނެސްފައި އޮތް ގާނޫނުއަސާސީ އާއި މުޅި ނިޒާމު ފުނޑާލުމަކީ އެއީ އެއްވެސް ރައްޔިތަކު މިއަދު ބަލައިގަންނަން ވާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން،”
މީގެ އިތުރަށް، އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، ސަރުކާރުން ފައިސާ މުޢާމަލާތްތައް ކުރައްވަމުން ގެންދަވާ ކަމަށްވެސް އެމްއެންޕީން ވަނީ ތުޙުމަތުކޮށްފައެވެ.
އެގޮތުން އެ ޕާޓީގެ، ކެމްޕެއިން މެނޭޖަރުކަން ކުރައްވާ، ހުސައިން އިސްމާއިލް ވިދާޅުވި ގޮތުގައި، ސަރުކާރުން މިފަދަ އަމަލުތައް ހިންގަމުން ގެންދާއިރު، ދައުލަތުގެ ތެރެއިން އެފަދަ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ ފަރާތްތަކުން އެކަންތައް ނުބެލުމުން ދޭހަވަނީ ޒިންމާތައް އަދާނުކުރެވުން ކަމަށާއި، އެހެން ކަމުން، އިންތިހާޞުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
“އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އިންތިހާބަށް 2-3 ދުވަހަށް ވެގެން ދާއިރު ވެސް އެ ކަންކަމަށް އެއްވެސް ފިޔަވަޅެއް އެޅިގެން ނުދާ ތަން. އޭގެ ބަދަލުގައި ސަރުކާރުގެ މިފަދަ އަމަލުތައް އިންތިހާ އަށް އިތުރު ވެގެންދާތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،”
މީގެ ިއތުރުން، މިދިޔަ ފަސް އަހަރު ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ ވެހިކަލްތަކުގައި ޖަހާފައިވާ ސްޓިކާތައް މާފުކުރަން މި ސަރުކާރުން އިއްޔެ ނިންމި ނިންމުމަށް ވެސް ހުސައިން ފާޑުވިދާޅުވި އެވެ. ވިދާޅުވީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ސްޓިކާތަކުގެ ޖޫރިމަނާ ފައިސާ ދެއްކި މީހުންނަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށެވެ. އެހެންވެ، އެ ނިންމުން ނިންމާފައި ވަނީ އިންސާފުން ބޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

