ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް މީގެ ކުރިން ވަރަށް ބޮޑަށް ތާއީދުކޮށް ފާޅުގައި ހިޔާލުފާޅު ކުރެއްވި އަދާލަތު ޕާޓީގެ އެކްޓިވިސްޓު ޝައިޚް އަލީ ޒައިދު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކޮށް އެންޑޯޒް ކުރައްވައިފިއެވެ.
ޝައިޚް ޒައިދު ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައި މިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ޝައިޚް ވިދާޅުވީ އެފަދައިން ނިންމެވީ މިވަގުތު ދިވެހިރާއްޖޭގެ ވެރިކަމަށް އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ. މުއިއްޒުކަމަށް އޭނާއަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުގެ ތާއީދު އޮތީ ޑރ މުއިއްޒު އަށް! މިގޮތަށް މިނިންމީ މިވަގުތު ޤައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ މުޢިއްޒު ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭތީވެ! ދުޢާއަކީ ﷲ ތަޢާލާ ހެޔޮތައުފީޤު ދެއްވުން! އާމީން. – ޝޭހް ޒައިދު –
ރައީސް އިބްރާހިމްއަށް މީގެ ކުރިން ވަރަށް ބޮޑަށް ތާއީދު ކުރެއްވި ޝައިޚް ޒައިދުގެ ތާއީދު މުއިއްޒުއަށް އޮތްކަން ހާމަކުރައްވާފައިވާއިރު އޭނާ ރައީސް އިބްރާހިމްއަށް ތާއީދު ކުރައްވާ އެއްވެސް އެއްޗެއް ވިދާޅު ނުވާތާ ވަރަށް ދުވަސް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރާ ދީނީ އިލްމުވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޝައިޚް ޒައިދު ބައިވެރިވެވަޑައި ނުގަންނަވައެވެ.

