ރައީސް ޞާލިޙަށް އިތުރު ފަސް އަހަރު އެއްގޮތަކަށް ވެސް ދިނުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި އެއީ ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އަޅުގަނޑުމެން ވެރިކަން ބަދަލު ނުކޮށްފިނަމަ، އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އެއީ ތާއަބަދަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގައި ހުންނަވަން ނިންމަވާ، ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ނިންމަވާ، މަރުވުމަށް ދާންދެން ވެރިކަމުގައި ހުންނެވުން – ރައީސް ނަޝީދު –
ރައީސް ނަޝީދު ވިދާޅުވީ، މިއަދު އެމަނިކުފާނު އެހެން ވިދާޅުވުމުން ބައެއް ފަރާތްތަކަށް އެކަން ޖޯކަކަށް ވެދާނެ ކަމަށާއި، ނަމަވެސް އެއީ ވުން ގާތް ކަމެއް ކަމަށެވެ.
"ޤާނޫނު އަސާސީ ގެނައީ ސުލްހަވެރި ގޮތެއްގައި ވެރިކަން ބަދަލު ކުރަމުންދާނޭ ގޮތްތަކެއް ހޯދުމަށް. އެއްވެސް ބޭފުޅަކު ވެރިކަމުގައި ތާއަބަދު ހުންނަވައިފިނަމަ މި ޤާނޫނު އަސާސީ ރައްޔިތުންގެ ތެރޭގައި މޫލައްވަން އުދަނގޫވާނެ." ރައީސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްގެ ކެންޕެއިން ސްލޯގަންއަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ، ރައީސް ޞާލިޙް އުޅުއްވަނި ޙަޤީޤަތް އޮޅުވާލަން ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މާރާމާރީ އިންތިހާއަށް އިތުރުވެގެން، ގޭންގްތަކުގެ މާރާމާރީ ފުޅާވެގެންދާ މިންވަރު އަޅުގަނޑުމެން އެންމެގެ ލޯ ކުރިމަތީގައި ވަނިކޮށް، އެމަނިކުފާނު [ރައީސް ޞާލިޙް]ގެ ކެންޕެއިން ޝިޔާރަކަށް ހައްދަވަނީ އަމާންރާއްޖެ. އެއްގޮތަކަށް ވެސް ބައްލަވާ ނުލެއްވި ކަންވަމުންދާ ގޮތް"
"ތިބޭފުޅުންގެ ލޮލުގައި މިއަދު ރީނދޫ ކުލައިގެ ދަޅަ އިންތިހާއަށް އެބައޮތް، ނުހަނު ފައިސާވެރިކަމާއި އެތައް ބައިވަރު ބިލްބޯޑަޓަކާއި ގިޑިގެތައް އެބަހުރި."
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓް ގަތުމަށް ރައްޔިތުން ގުނބޯ ހައްދަމުން އަންނަ ކަމަށާއި، އެކަމާ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

