ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ސަޤާފަތެއް އޮވެއެވެ. މާލެ އާއި އަތޮޅު ތެރޭގެ ރަށްތައް ތަފާތު ކުރުމެވެ. ސަރުކާރުން ކޮންމެ ކަމެއް ކުރިޔަސް އުޑާއި ބިމާހާ ތަފާތެވެ. ހާހާއި ސުމެއްގެ ތަފާތެވެ. މާލެ ނުވަތަ ދަ ގްރޭޓަރ މާލެ އޭރިއާގައި ކޮންމެ ކަމެއް ކުރިނަމަވެސް، އެކަމާ ގުޅޭ ވުޒާރާއަކުން ކުރާނީ ވެވެން އޮތް އެންމެ ފުޅާކޮށެވެ. އިމާރާތެއް ނަމަ އެންމެ ޒަމާނީ ފަރުމާ ތަކަށެވެ. އެހެން ޤައުމު ތަކަށްވެސް ނަމޫނާއަކަށް ވާ ފަދަ ގޮތަކަށެވެ. ޚަރަދު އަތް ނުފޯރާ ހިސާބުންނެވެ. ޕްރޮޖެކްޓްގައި އިތުރު ފޭސް ތަކެއް ނޯވެއެވެ. ބަޖެޓް އޮންނާނީ މުޅި މަސައްކަތް ނިންމާ އިންދަން ޖެހޭ ގަހަށް ދާންދެން ހިމަނާ އެތެރެއަށް ވައްދަން ޖެހޭ ހުރިހާ ފަރުނީޗަރަކާ އިދާރީ ހުރިހާ ސާމާނަށް ވެސް ހިމަނާފައެވެ. ބޮޑު ރަސްމިއްޔާތެއްގައި އެންމެ މަތީ ވެރިޔާ ލައްވާ ރިބަން ކަނޑާލާ މިންވަރަށެވެ. ކޮންމެ ކަމެއް ކުރިޔަސް މި އުސޫލެވެ.
ނަމަވެސް އަތޮޅުތަކުގައި ނަމަ އެއާއި މުޅިން އިދިކޮޅެވެ. ކުޑަ ކުޑަ ސިއްހީ މަރުކަޒެއް ހެދިޔަސް ފޭސް ތައް ގުނާ ޢަދަދު ނުވެއެވެ. އެތަނުގައި ބިންގާ އަޅާ ރާނާ ފުރާޅު އެރުވުން އެއީ ވަކި ޕްރޮޖެކްޓެކެވެ. ފޭސް އެކެކެވެ. 3 އަހަރު ފަހުން ކަރަންޓު ވައިރު ކުރުމާއި ކުލައާއި ދަވާދުލުން، އެހީ މުޅިން އާ ޕްރޮޖެކްޓެކެވެ. އާ އިޢުލާނެކެވެ. އެ އީ ފޭސް 2 އެވެ. މިހެން ގޮސް 5 އަހަރު ވާއިރުވެސް އެ ތަންކޮޅެއް ނުނިމެ އެވެ. ނަމަވެސް އެތަން ނިމިއްޖެ ކަމަށް ބުނެ އިމާރާތް ވަގުތީ ގޮތުން ބޭނުން ކުރަން ފަށައެވެ. ވަށާ ފާރު ، އޭސީ އެއް ފެން މޯޓަރެއް ނެތަސް ނަންބޯޑު ޖަހައެވެ. ވެރިޔާ އިންތިޚާބާ ދިމާކޮށް ތަން ހުޅުވާތާ 12 އަހަރު ވާއިރުވެސް އެ ޕްރޮޖެކްޓުން ސަލާމަތް ނުވެވެއެވެ. 2 އެނދު ގެ ވޯޑެއް އިތުރު ކުރުން، ކައުންޓަރު ބޮޑު ކުރުން. ފާޚާނާގެ ފެންލައިޓް ހެދުން، ދޮރުފޮތި ހަރުކުރުން ފަދަ އެތައް ސަތޭކަ ކަމެކެވެ.
އެހެން ދިމާއަކަށް ނަޒަރު ހިނގާލާއިރު، މިސާލަކަށް ފުޓްބޯޅަ ދަނޑެއް ނޫނީ ފުޓްސަލް ދަނޑެއްގެ ޕްރޮޖެކްޓަކަށް ބަލާލާ އިރު އެކަމަށް ވެސް ހަތަރު ފަސް އަހަރު ނަގައެވެ. އެ ދަނޑުގައި ކުޅެން ފަށައި ޕިޗް ހަލާކު ވާން ފަށާއިރު ކުޑަ މިނުން ބޯޅަ ގެއެއް، ސިޑި ބަރިއެއް، ސެކިއުރިޓީީ ބެލެހެއްޓޭނެ ގޮތެއް، ވަށައިގެން ހުސް ޖާގައެއް ހަދައި އިން ވަކި ވުމެއް ވެސް ނުހުރެއެވެ. ބޮޑު ދަނޑެއްް ނިމިއްޖެ ކަމަށް ބުނެ މަތިންނާއި އަރިއަރިން ފޮޓޯ ނަގާ ހަދާއިރު ގިނަ މަސައްކަތްތަކެއް ހުންނާނީ ފެށި ހިސާބުގައެވެ. ޖެޓީއެއް ބަނދަރެއް ،ޕާކެއް އަދި މަގެއް ނުވަތަ މެގަ ޕްރޮޖެކްޓެއް ވިޔަސް އަތޮޅުތެރޭގެ ރަށެއްގައި ނަމަ އޮތީ މިއުސޫލެވެ. ފޮޓޯ އަށް ރީތި ވަރަށެވެ. ކަމެއް ކޮށްފިޔޭ ބުނާ މިންވަރަށެވެ. ކަމެއް އެބަ ކުރޭ އޭ ބުނާ ވަރަށެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ބެލިޔަސް މި އީ ޙަޤީޤަތެވެ.
މިހާރަކަށް އައިސް މާ ތަފާތު ކަމެއް ވެސް ފާހަގަ ކުރެވެއެވެ. ޕްރޮޖެކްޓް ތަކުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުމާއި ރައްޔިތުން ގުނބޯ ހެއްދުމެވެ. އެގޮތުން ކުރާ ކަމަކީ ޑިޒައިނަރުން ލައްވާ ކުރަހާ ޔޫރަޕްގެ ތަނެއްހެން ދައްކާލުމެވެ. މަސައްކަތް ނިމޭ އިރު އިމާރާތް ހުންނަނީ ޗަކަ ވަލުގައެވެ. އެކަމަކު ދެއްކި ފޮޓޯ އިން އެއީ ވަރަށް ތަހުޒީބު، އެންމެ ކުރިއަރާފައިވާ ގައުމެއްގެ ބައެކެވެ. ބަހާ ޢަމަލާއި ދިމާ ނުވެއެވެ. ދެން ކުރާ ކަމަކީ ކޮންމެ ޕްރޮޖެކްޓަކަށް 40 50 ޚަބަރު ހެދުމެވެ. ހިލަ އާއި ހިލަވެލި މާލެ ގެނެސްފި، ހިލަ ބާޖު ފުރައިފި، މިފަދަ އެތައް ސުރުޚީ އެކެވެ. އަދި އެބައެއްގެ ސަރުކާރުގައި ތިބޭ ބޮޑު މުސާރަ ވެރިންގެ ކަމަކީ ސަރުކާރަށް ސަނާ ކިޔައި ކަން ފެތުރުމެވެ. ދޮން ކަޅެއެއް ވެސް ނޭގޭ ވަރަށް ފަސް އަޅައި ފޮރުވުމެވެ. މިއީ ވަކި ސަރުކާރަކަށް އަމާޒުކޮށް ދައްކާ ވާހަކައެއް ނޫނެވެ.
މިހާރު އޮތް ސަރުކާރުގެ ޢަމަލާއި ބަސްމަގު ހުރިގޮތަށް ބެލުމުން ކޮންމެ މީހަކަށް ވެސް މިލިޔާ އެއްޗެއް ވަރަށް ރަނގަޅަށް ސާފު ވާނެއެވެ. އިޙްސާސް ކުރެވުނެއެވެ. އެއީ މިހާރު ލޮލު ކުރިމަތީ ގައި ހިގާ ކަންކަންކަމަށް ވާތީއެވެ . އެތައް އަހަރެއް ނިމި ދާއިރުވެސް ހަމަ އޮންނަނީ އެވެ. ފުނި ޖަހަނީއެވެ. ދުވަހަކު ނިމޭ ތަނެއް ފުރިހަމަވާ ތަނެއް ނެތެވެ. އެންމެ ގިނަ ޕްރޮޖެކްޓް ހިނގާ ކަމަށް ބުނާ އެއް ރަށަކީ ގދ ތިނަދޫއެވެ. ނަމަވެސް އެއްކޮށް ނިމުނު އެއްވެސް ކަމެއް ނެތެވެ. ހެދި ޖެޓީގައި ފެނާއި ކަރަންޓު ނެގޭ ގޮތެއް ނެތެވެ. ބޭރު ތޮއްޓެއް ނެތެވެ. ހޭންޑްބޯލް ދަނޑުގައި ކުޅި ބަލަން ތިބެން ޖެހެނީ މަގުމަތީގައެވެ. ބޯޅަ ގެއެއް ފާޚާނާ ކުރެވޭނެ ގޮތެއް ނެތެވެ. ވާރޭ ވެހެން ފަށައިފިއްޔާ ރެފްރީންގެ ލިޔެކިއުމާއި ސައުންޑް ވެސް ޙިމާޔަތް ކުރަން ޖެހެނީ ތަރަފާލު އަޅައިގެންނެވެ. ދެކުނު އަވަށުގެ ޓާފު ފުޓްބޯޅަ ދަނޑު، ފޮޓޯ އަށް ވާވަރަށް ނިމުން ފިޔަވާ އިތުރު ކަމެއް ނުނިމެއެވެ. ގޭސް ޕްލާންޓް އެދާ ސްޕީޑްގައި ނަމަ އިތުރު 2 ދައުރު ބޭނުން ވާނެއެވެ.މަގު ތަކުގެ ޙާލަތު އޮތީ ބޮއްސުން ލާފައެވެ. ރަށުގެ މޫނުމަތީގައި އިންޑަސްޓްރިއަލް މަސައްކަތް ތަކަށް ހަދާ "ކުޑަ ތިލަ ފުށި" އަދި ހިއްކާ ނުނިމެއެވެ. އާ އިންޖީނު ގޭގެ އިމާރާތް ވެސް ހަދަމުން ދާތާ އެތައް އަހަރެއް ވެއްޖެއެވެ. ފެނަކައިގެ އާ އޮފީސް އިމާރާތް ހެދެމުގެ މަސައްކަތް ހުރީ ހުއްޓާލާފައެވެ. "ތާރީކް ޕޭ ތާރީކް" ކިޔުން ނޫން ގޮތެއް ނެތީހެއްޔެވެ.
ރާއްޖޭގެ އަތޮޅު ތަކުގައި ހިންގާ ކޮންމެ ކަމެއް ފެންނަނީ "އަމާ ބުނީތީ ފަރަށް"ދާ އުސޫލުން ކުރިއަށް ގެންދާތަނެވެ. ދޯދިޔާ ކަމާއި ބޭކާރު ޚަރަދު ކުރާ ތަނެވެ. ދައުލަތުގެ ފައިސާ އިސްރާފު ކުރާ ތަނެވެ. ޒަމާނުއްސުރެ ފެންނަ މި މަންޒަރުތައް ބަދަލުވާން ވެއްޖެއެވެ. ދިވެހިން އެދޭ" ބަދަލު" ގެންނަން ވެއްޖެއެވެ.

