ހުކުރު ދުވަހަކީ ހަފުތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.
އެގޮތުުން ހުކުރު ދުވަހަކީ އެދުވަހެއްގައި ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަގުތެއްވާ ދުވަހެއް ކަމަށާއި، އަދި އެ ވަގުތަކީ ޢަޞްރު ނަމާދަށް ފަހު އިރުއޮއްސުމާ ދެމެދުގެ ވަގުތުގެ ތެރޭގައި ހިމެނޭ ވަގުތު ކޮޅެއްކަމުގައި ވާރިދުވެފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ހަމައެހެންމެ އެއީ އިމާމު މީހާ މިންބަރަށް އެރީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމާ ދެމެދުގައި އެވާ ވަގުތުގެ ތެރޭގައި ހިމެނޭ ހިނދުކޮޅެއް ކަމަށް ރިވާވެގެންވާ ކަމެއްކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މާތް ﷲ ޞުބުޙާނަޙޫ ވަޠަޢާލާ އިންސާނުންނަށް މިފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑިނޭޅި ތަކުރާރުކޮށް އިންސާނުންނަށް ދެއްވަނީ، ހެޔޮގޮތުގައި އެ ފުރުޞަތުތަކުގެ ބޭނުން ހިފައި، އެކަމުގެ ސަބަބުން ފާފަތައް ފުހެވި، ހެޔޮ އަމަލުތަކުގެ ފަތް ބަރުވެ، ދެދުނިޔޭގެ ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ކަމަށް ޙުތުބާގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން އިންސާނުންނަށް އެފަދަ ފުރުސަތު ފަހިކޮށްދެއްވާފައިވަނީ، އިންސާނުންނަކީ އަބަދާއި އަބަދު ފާފައަށް ހުށަހެޅިފައިވާ ނިކަމެތި މީހަކަށް ވާއިރު، މާތްﷲގެ ހަޒްރަތުން އެފަދަ ދީލަތި ފުރުސަތުތަކެއް ލިބިފައި ނުވާނަމަ، އިންސާނާ ވާނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރޭގައިކަމަށް ވާނެތީކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އެހެންކަމުން، މާތްﷲގެ ނިދާއަށް ކިޔަމަންތެރިވެ، ދުނިޔަވީ މަސައްކަތުން ދުރުވެ، ހުކުރު ނަމާދަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއް ކަމަށާއި، އަދި ވަގުތަށް ހުކުރަށް ދިޔުމަކީ، ވަރަށް ބޮޑަށް ސަމާލުވާންޖެހޭ މަތިވެރި އިރުޝާދެއް ކަމަށާއި އެކަމަށް ސަމާލުވުމަށް މިއަދުގެ ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން އިސްލާމްދީން އަހަރެެމެން އިންސާނުންނަށް އިރުޝާދު ދީފައިވާ ފަދައިން، އހުކުރު ދުވަހުގެ ޚުތުބާ ފެށުމަށްފަހު، ހުކުރަށް އަންނަ މީހުންނަކީ، ހުކުރަށް އަންނަ މީހުންނަކީ، ހުކުރަށް ޙާޟިރުވި މީހުން ލިޔުއްވުމަށް، މާތްﷲ ޙާއްސަކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުއްތަކުގައި ލިޔެވޭނެ ބައެއް ނޫން ކަމަށާއި، ނަމަވެސް އެފަދަ މީހުންގެ ހުކުރ ނަމާދު ސައްޙަވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެއީ މެންދުރު ނަމާދުގެ ބަދަލުގައި ގަބޫލުކުރެވޭ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެއްވެސް ސަބަބަކާއި ނުލައި ދުނިޔޭގެ އެކި މަސައްކަތުގައި މަޝްއޫލުވެ، ހުކުރު އަޅާ މީހުން މިއަދުގެ މުޖުތަމައުގައި ގިނަވެފައިވާ ކަމަށާއި، އަދި، ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ ހުކުރު ނަމާދު ދޫކުރުމަކީ ބޮޑު ފާފައެއް ކަމަށް މިއަދުގެ ޚުތުބާއި ބުނިއެވެ. އަދި އެހެންކަމުން، އެ ފާފައިން ސަލާމަތްވުމަށް، ވަގުތަށް ނަމާދަށް ދިޔުމަށް މިއަދުގެ ޚުޠުބާގައިވަނީ އިލްތިމާސްކޮށްފައެވެ.

