ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށާއި އަދި މި ގައުމު ވިއްކައިލައްވާނެ ބޭފުޅެއް ވެސް ނޫން ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން ރޭ ބޭއްވި “އުފާވެރި އަމާން ރާއްޖެ” ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް ސޯލިހަކީ ރައްޔިތުންނަށް ދެރައެއް ކުރިމަތިވެދާނެ ދެރަވާނެ އެއްވެސް ގޮތެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
“އަޅުގަނޑުމެންގެ ރައީސަކީ ވައްކަން ކުރާނެ މީހެއް ނޫން. އަޅުގަނޑުމެންގެ ރައީސެއް ދައުލަތުގެ އެކައުންޓަކުން ލާރިއެއް ނުނަންގަވާނެ. އަޅުގަނޑުމެންގެ ރައީސެއް އެއްވެސް މީހަކަށް އަދި އެއްވެސް ބަޔަކަށް ވެސް އަނިޔާވެރިއެއް ނުވާނެ. އަޅުގަނޑުމެންގެ ރައީސެއް މި ގައުމު އެއްވެސް ބަޔަކަށް ވިއްކައެއް ވެސް ނުލާނެ. އަޅުގަނޑުމެންގެ ރައީސެއް އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ތައުލީމާއި ހުނަރާއި، މި ކަންތައްތައް ކޮށްދިނުމުގައި ފަހަތަކަށް ވެސް ނުޖެހޭނެ،”
މީގެ އިތުރުން، އައްޑޫއަށް އަންނަ ފުރިހަަމަ ތަރައްގީއަކީ އައްޑޫގެ ރައްޔިތުން ފެށުނީއްސުރެ އިންތިޒާރުކުރަމުން އަންނަ ތަރައްގީތަކެއް ކަމަށާއި އެގޮތުން އައްޑޫގައި ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި އައްޑޫގައި ފުރަތަމަ ހެރަތެރި ހުޅުވާފައިވަނީ އޭނާގެ މަސައްކަތުންކަން ފާހަގަކުރެއްވައި، އައްޑޫގައި ޓޫރިޒަމް ތަރައްގީކުރަން އިންވެސްޓްމަންޓެއް ނުލިބިއްޖެއްޔާ އަމިއްލައަށް ވެސް އެކަން ކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް 65 ޕަސަންޓުގެ ވޯޓު ދީފި ނަމަ، އައްޑޫގެ ޒުވާނުން އެދޭގޮތަށް ސަން ސިޔާމް ފުޓުބޯޅަ މުބާރާތް އެ ސިޓީގައި ބާއްވައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

