ވާދަވެރިން ދައްކާ އެއް ވާހަކަ މިނިވަންކަމުގެ ވާހަކަ، ގައުމިއްޔަތުގެ ވާހަކަ، ދަރާ ވިކިފައި އޮތް ވާހަކަ، މިހިރީ ހަމަ ހުސް ދޮގު ވާހަކަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިއަދު ކުރަން ޖެހޭ ކަމަކީ ކަނޑި އާއި ބަޑި ހިފައިގެން ނުކުތުމެއް ނޫން ކަމަށާއި ވަށާ ބޮޑުފާރުލުމެއް ނޫން ކަމަށެވެ .ބޭނުންވަނީ ގައުމުތަކާ އެކު ބަދަހި ގުޅުން އިތުބާރު ހިފޭ ގުޅުން އުފެއްދުން ކަމަށާއި އަޅުގަނޑުމެން މިދަނީ ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކު އެ ގުޅުން އުފައްދަމުން ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
ކެމްޕޭންގައި ފ. އަތޮޅަށް ވަޑައިގެން ރައީސް ތަކުރާރު ކުރެއްވި ގޮތުގައި "އެއްބުރުން" މި އިންތިހާބު ނިމިއްޖެ އެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ފ. އަތޮޅު ބިލެތްދު އާއި ފީއަލިން ވެސް މި ކާމިޔާބީގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ބުންވަރު އެބަހުރި، ހިތްވަރު އެބަހުރި، ކެރުން އެބަހުރި. އަޅުގަނޑުމެން މިތިބީ ރޭ އައްޑޫ ސިޓީގައި ތިބެފައި މި ރަށަށް އައިސް. އަދިއެއް ނިދާނެ ކަމެއް ނެތް ތިޔަ ބޭފުޅުން ވެސް. މި ހަތް ގަޑިއިރު ކެމްޕޭން ކޮށްފައި މާދަމާ ވޯޓުލާފައި ދެން އަޅުގަނޑުމެން އެއަށް ފަހުގައި ކުރާނެ ކަމެއް ކުރާނީ. ހަމަ ގައިމު ވެސް އަޅުގަނޑު ބޭސްކާނީ މިކަން ނިންމާފައި.
ރައީސް ވިދާޅުވި ގޮތުގައި 180 އަށް ވުރެން ގިނަ ގައުމާ އެކު ބަދަހި ގުޅުން އުފެއްދިއްޖެ އެވެ. ރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނާ މަތިކޮށްފައި އޮތީ ވަރަށް މުހިންމު ވާޖިބެއް ކަމަށެވެ. އަމާނާތްތެރިކަމާ އެކު އެ ވާޖިބު އަދާކޮށްދެއްވަން ރައީސް އެދިވަޑއިގަތެވެ.
"ގާނޫނުއަސާސީން ތިޔަ ބޭފުޅުންނަށް ދީފައިވާ ބާރު އޭގެ ނަހަމަގޮތުގައި ބޭނުންކޮށްފި ކަމަށް ވަންޏާ ރައްޔިތުންނަށް، ގައުމަށް އޭގެ ނުހަނު ގެއްލުމާއި ދަތި ކުރިމަތިވެދާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ ވިސްނުންތެރިކަމާ އެކު ތިޔަބޭފުޅުންގެ ވޯޓު މާދަމާ ފޮއްޓަށް ވައްޓާލުމަކީ އިލްތިމާސެއް."

