ފަސް އަހަރު ދުވަހުގެތެރޭ ރައްޔިތުންގެ އާމްދަނީ ފަސް ގުނަ އިތުރުކުރައްވާނެކަމަށް، ދަ ޑިމޮކްރެޓްސް ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލްޔާސް މިހެން ވިދާޅުވީ ސަލްޓަން ޕާކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭ ސަލްޓަން ޕާުގައި ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އެމަނިކުފާނުގެ 5 އަހަރގެ ވެރިކަން ނިމޭއިރު،، މިހާރު ރާއްޖޭގައިހުރި 911 ގެސްޓްހައުސް، 75،000 އަށް އިތުރުކުރާނެކަމަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާނެކަމަށެވެ.
އަދި، ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ވޯކްޝޮޕެއްފަދަ ހަރަކާތެއް ހިންގުމަށް، ސަރުކާރައް ޕްރޮޕޯޒަލްއެއް ހުށަހެޅުމުން އެކަން ކުރަން ފައިސާއާއި ވަސީލަތްތައް ފޯރުކޮއްދޭނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން މިދިޔަ ފަސް އަހަރު ތެރޭ ރާއްޖޭގެ ދަޢުލަތުގެ އާމްދަނީ އިތުރުވި ކަމަށާއި ނަމަވެސް، އޭގެއިން ރައްޔިތުންގެ އާމްދަނީ އިތުރުވެފައި ނުވާ ކަމަށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ވިދާޅުވިއެވެ.
“ދިވެހިރާއްޖޭގެ ދައުލަތުގެ އާމްދަނީ، މިދިޔަ 10، 12 އަހަރުތެރޭ 7 ބިލިޔަނުން، 30 ބިލިޔަނަށް އަރައިފި. މި 7 ބިލިއަން، 30 ބިލިއަނަސް އެރިއިރު، ދިވެހި އާއިލާތަކުގެ އާމްދަނީ، ފަރުދީ ތަނަވަސްކަމެއް ލިބުނީ ކިހާވަރަކަށްތޯ ނޫންތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހިފަ މިއޮތީ. އަޅުގަންޑުމެންނަށް ސާފުކޮށް އެންގޭ ކަމަކީ، އެއްވެސް މީހެއްގެ، އެއްވެސް އާއިލާއެއްގެ ފަރުދީ ތަނަވަސްކަން އިތުރުނުވާކަން.” އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓު އަގުހެޔޮކޮށް، ޓްރެވަލް އޭޖެންޓުންނަށް ފުރުސަތުތަކާއި ވަސީލަތްތައް އިތުރުކުރާނެކަމަށާއި އަދި ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ އާއިލާތަކަށް، ކައިރި ރަށްތަކުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

