މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރެޖިސްޓަރ ނުކުރައްވާކަން ހާމަވެއްޖެއެވެ.
މަނީލޯންޑަރ ކުރުމާއި، ރިޝްވަތުގައި ހިފުމާއި ގުޅިގެން، އެމަނިކުފާނު އަންނަނީ 11 އަހަރުގެ ޖަލުހުކުމްއެއް ތަންފީޒުކުރައްވަމުންނެވެ.
ޖަލުގައި ތިބޭ ފަރާތްތަކަށް ވޯޓު ލުމަށް ހާއްސަކޮށް ފޮއްޓެއް ބަހައްޓާފައި ވީ ނަމަވެސް، އެމަނިކުފާނު އެ ފޮއްޓަށް ރަޖިސްޓަރވެފައެެއް ނުވެއެވެ. އެހެން ކަމުން، ވޮޓާސް ލިސްޓުގައި އެމަނިކުފާނުގެ ނަންފުޅު އޮތީ، މައްޗަންގޯޅި އުތުރު ދާއިރާގެ ދެވަނަ ވޯޓްފޮށީގެ ލިސްޓުގައެވެ.
ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން އަންނަ ގައިދީންނަށް ހާއްސަކޮށް ވޯޓުލުމަށް ހަތަރު ޖަލެއްގައި އިލެކްޝަންސް ކޮމިޝަނުން ވަނީ، ވޯޓު ފޮށި ބަހައްޓާފައެވެ. އޭގެ ތެރެއިން ދެ ފޮށި ބަހައްޓާފައިވަނީ މާފުށީ ޖަލުގައެވެ.
މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވަން ޔާމީންގެ ފޯމް ހުށަހެޅުއްވިޔަސް ޖަލު ހުކުމާ ހެދި ކެންޑިޑެސީ ބާތިލްވީ އެވެ. އިލެކްޝަންސްގެ އެ ނިންމުން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ވެސް އީސީގެ ނިންމުމަށް ތާއީދުކުރުމުން ޔާމީނަށް ފުރުސަތު ބަންދުވީ އެވެ.
އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ފަރާތުން ނުކުންނެވީ އޭގެ ފަހުންނެވެ.

