ރިޔާސީ އިންތިޚާބުގެ ވޯޓުލުން އިއްޔެ ނިމިގެން ދިޔައީ އެއްވެސް ބަޔަކަށް ހިކުރެވުނު ގޮތަކަށް ނޫނެވެ. އާރާއި ބާރާއި ނުފުޒާއި އެކު ވެރިކަން ކުރަމުންއައި ބަޔަކު ލަދުވެތިގޮތަކަށް ބަލިވެގެން ދިޔައީއެވެ.
ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް މާލެ ސިޓީގެ ހުރިހާ ފޮއްޓަކުން ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒުއެވެ. އަދި އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ ފޮށިތަކުގެ ތެރެއިން މަދު ފޮއްޓެއް ފިޔަވާ ހުރިހާ ފޮއްޓެއްގެ ނަތީޖާއިން ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒުއެވެ.
މިއީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުތެރޭގެ ހާލަތެވެ. އިންތިހާބުގެ ކެމްޕެއިންގައި ގަދަބަސްބުނުމާއި މަލާމާތްކުރުމުގައި ސަރުކާރު އޮތީ މާބޮޑަށް ކުރީގައެވެ.
އާދަޔާ ޚިލާޔް ނަތީޖާތައް ނިކުތް ފާހަގަ ކޮށްލެވޭ ދާއިރާތަކުގެ ތެރޭގައި ރ.އަލިފުށި ދާއިރާއާއި އައްޑޫ މީދޫ ދާއިރާ ހިމެެއެވެ. މިދާއިރާ ތައް ބޮޑު ތަފާތަކުން ނަގާފައިވަނީ ޑރ.މުއިއްޒުއެވެ.
ރައީސް ޞާލިހަށް މިއިންތިޚާބުގައި އެންމެ ބޮޑު ނާކާމިޔާބަކީ ބޮޑެތި ތަންތަން ގެއްލިގެން ދިއުމެވެ.
ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގެންނެވީ 97،222 ވޯޓު ހޯއްދަވައިގެންނެވެ. އަދި 2013 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުނީ ކޯލިޝަނެއް ހަދައިގެން 111,203 ވޯޓު ލިބިވަޑައިގެންނެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް 134،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން ނުކުންނެވުމުންނެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މުއިއްޒަށް %46.16 ވޯޓު ލިބިވަޑައިގެންނެވިއެވެ. ރައީސް ސޯލިހަށް ލިބިވަޑަިގެންނެވީ 85,126 ނުވަތަ %39.02 ވޯޓެވެ. މުއިއްޒު މި ހޯއްދެވި ވޯޓުގެ އަދަދަކީ 2018 ގައި ރައީސް ޔާމީން އެކަނި ނުކުންނަވައިގެން ހޯއްދެވި އަދަދަށް ވުރެ މަތީ އަދަދެކެވެ. އެމަނިކުފާނަށް 96,052 ވޯޓު ލިބިވަޑައިގެންނެވިއެވެ.
ރައީސް ސޯލިހަށް ކެމްޕެއިން ކުރައްވަން ދެ މަހަށް ވުރެ ގިނަ ދުވަސް ލިބިވަޑައިގެންނެވިއެވެ. އެކަމަކު، މުއިއްޒަށް ކެމްޕެއިން ކުރައްވަން ލިބިވަޑައިގެންނެވީ 28 ދުވަހެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވަރަށް ގިނަ އިން ދެއްވިއެވެ. އެކަމަކު، އެންމެ ފަހުން ސުޕްރީމް ކޯޓުން އެކަމުގައި ގޮތް ނިމިގެން ދިޔައީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ބޭނުންވި ގޮތަކަށް ނޫނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އޭރު އޮތީ މަދު ވަގުތުކޮޅަކަށްވެފައެވެ. ޕީޕީއެމް/ޕީއެންސީން އޮތީ ކެންޑިޑޭޓަކު ދައްކަން މަޖުބޫރުވެފައެވެ. މުއިއްޒަށް ކެމްޕެއިން ފެއްޓެވުނީ ޕީއެންސީ ސެނެޓްގެ މެމްބަރުންގެ ތާއީދާ އެކުގައި، އޭނާ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައެޅުމުންނެވެ.
އެނގިގެން، ސާފުވެގެން ދިޔައީ އެންމެ ކަމެކެވެ. ވަޒީފާއާއި ފައިސާއަށް ދިވެހި ރައްޔިތުން ނުހެއްލޭނެކަމެވެ.
ދެންވެސް ބުއްދިއިސްކޮށް ކުރިއަށްދަމާ ހިނގާށެވެ. މިއަށްވުރެ ރަނގަޅު ވެދާނެއެވެ.

