ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނަތީޖާ ދަށްވީ ކެމްޕެއިންޓީމުތަކުން އިދާރީ ގޮތުން ނިންމަން ޖެހުނު ބައެއް ކަންތައްތަކަށް އަޅާނުލެވި ހުރުމާއި ހުރިހާ ދާއިރާތަކަކަށްވެސް ފަރުވާ ކުޑަކުރެވިފައި ހުރި ބައެއްކަންކަން ހުރުމުންކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޓީވީ ޗެނަލަކަށް މިއަދު ދެއްވި އިންޓަރވިއުއެއްގައި ރައީސް ސާލިހު ވިދާޅުވީ ކެމްޕެއިން ޓީމުތަކަަށް ވަރަށް ގިނަ މިސްޓޭކްސް ހެދިފައި އެބަހުރި ކަމަށެވެ.
އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނިކުތީ އުއްމީދު ކުރި ގޮތައް ނޫން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ކެމްޕެއިންޓީމުތަކުން އިދާރީ ގޮތުން ނިންމަން ޖެހުނު ބައެއް ކަންތައްތަކަށް އަޅާނުލެވި ހުރީ. ހުރިހާ ދާއިރާތަކަކަށްވެސް ފަރުވާ ކުޑަކުރެވިފައި ހުރި އިދާރީ ގިނަ ކަންތައްތަކުގައި އެހެންވީމަ ޓާރންއައުޓު ދަށްވީ. އެވަރަށް މަސައްކަތް ނުކުރެވުނީމަ: ރައީސް ސޯލިހު
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހެދުނު މިސްޓޭކްސްތަކާއި ގުޅޭގޮތުން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ވާދަވެރި ފަރާތްތަކުން ރާއްޖޭގެ މިނިވަންކަމާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ރައްދު ދެވިފައި ނުވާކަމަށެވެ. މިއީ ހެދުނު ވަރަށް ބޮޑު މިސްޓޭކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް މިސަރުކާރުން ގިނަ ކަންތައްތަކެއް ކުރާކަމަށާއި، ބޭރުގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނާ ވާހަކަތަކާއި، ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލިކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ނުދެވުމަކީވެސް ވޯޓު ގެއްލެން ދިމާވި ސަބަބެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިވާހަތަކުގެ ސަބަބުން ރައްޔިތުންނަށް މިނިވަންކަމުގެ ބިރު ވަރަށް ބޮޑަށް އިހުސާސް ކުރެވުނު ކަމަށެވެ.

