ނާކާމިޔާބީއަކީ އެމްޑީޕީއަށް އާ ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް އެމްޑީޕީއަށް އެފަދަ ހުރަސްތަކާއި ނާކާމިޔާބީއާ ކުރިމަތިވި ކަމަށާއި އެކަމަކު ދޫކޮށްނުލަނީ ކާމިޔާބީގެ ހިތްވަރާއި އަޒުމް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މައްޗަށް އިދިކޮޅު ޕީއެންސީން ކުރި ހޯދި އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓަށް ފަހު މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ ކެމްޕޭންގައި ހެދުނު ގޯސްތައް ދެނެގަނެވިއްޖެ ކަމަށާއި ހިތްވަރާ އެކު އެންމެން އެކުގައި 17 ދުވަހުން ނަތީޖާ ބޮޑުތަނުން އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން އެމްޑީޕީއަށް މީހުން ނުނެރެވުނު ސަބަބާއި ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ ވަރަށް ރަނގަޅަށް ރާވައި، އެކަންކަން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިންތިޒާމްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެން ފުރަތަމަ ޕާޓީ އުފެދިގެން މަސައްކަތް ފެށީ ވެސް މިކަހަލަ ބިރުވެރި ނާމާން ކަމެއްގެ ތެރޭގައި. ބޭނުންވީ ރާއްޖެ އަމާން އައްސޭރިއަކަށް ގެންދަން. އެކުރި މަސައްކަތުގައި އަޅުގަނޑުމެންނަށް އެތައް ހުރަސްތަކެއް ކުރިމަތިވޭ. ބައެއް ފަހަރު ނާކާމިޔާބުވޭ. އަނެއްބައި ފަހަރު ކާމިޔާބުވޭ. ބޭނުންވާ މިސްރާބަށް ދަތުރުކުރަން ފުރުސަތު ވެސް ލިބޭ -ރައީސް ސޯލިހްް-
ރައީސް ވިދާޅުވި ގޮތުގައި ކެމްޕޭންގައި އެންމެން ވެސް މަސައްކަތް ކުރީ ބިރުވެރިކަމާއި ނަމާންކަމުގެ ތެރެއަށް އަލުން ގައުމު ދިޔަ ނުދިނުމަށެވެ. އެ އަޒުމުގައި ކުރި މަސައްކަތުގައި ނާކާމިޔާބީއާ ފުރަތަމަ ބުރުގައި ކުރިމަތިލާން ޖެހުނަސް ވަރުބަލިކަމެއް މިއަދު ވެސް އެކަކުގެ މޫނުމަތިން ނުފެންނަ ކަމަށް ޖަގަހައަށް އެއްވެ ތިބި މެމްބަރުންނަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ކަމެއްކޮށް އޭގެއިން ބޭނުންވާ ނަތީޖާ އެ ވަގުތަކަށް ނުފެނުނީމާ މާޔޫސްކަމެއް ކޮންމެ މީހަކަށް ވެސް އަންނާނެ. އެއީ ތޮބީއީ ކަމެއް. ނަމަވެސް އެ މާޔޫސްކަން އަޅުގަނޑުމެން ފަހަތަށް މި ދުއްވާލީ. އަޅުގަނޑުމެން އަނެއްކާވެސް މިރޭ މި ފަށައިގަންނަނީ 9 ޖުލައިގައި ފެށި މަސައްކަތް. އެއީ މި ރާއްޖެ ތަރައްގީކުރުމަށްޓަކައި އަޅުގަނޑުމެން ހިފައިގެން ނުކުތް މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތް، މި ރާއްޖެ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ގެންދަން އަޅުގަނޑުމެން ބޭނުން ނުވާތީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ އެވެ. އިންތިހާބުގެ ފުރަތަމަ ބުރު ނިމުމާ އެކު ދިރާސާތަކެއް ހަދާފައިވާ ކަމަށާއި ވީގޮތް އޮޅުންފިލުވައިފި ކަމަށެވެ. ވަރަށް ސާފުކޮށް ރަނގަޅުކުރަންވީ ކަންކަން އެނގޭ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ރައްޔިތެއްގެ ވޯޓަކީ ވެސް މުހިއްމު ވޯޓެއް ކަމަށާއި ހާއްސަކޮށް ދެވަނަ ބުރުގައި ގިނަ ބަޔަކު ނުކުންނާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

