ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ސްޕީޑު އަވަސްވެ، ރައްޔިތުންނަށް އިނާމުތަކާއި ވަޒީފާތައް އިތުރުވާތީ، ކޮންމެ ހަ މަހަކުން އިންތިހާބު ބާއްވަން ޖެހޭ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
އެމްޑީޕީން ވަކިވެ މިހާރު ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ވައްޑެ ވިދާޅުވި ގޮތުގައި، ސަރުކާރެއްގެ ހަތަރު އަހަރު އެއްވެސް ކަމެއް ނުކޮށް ތިބެފައި، އިންތިހާބީ މޫސުމުގައި ވަޒީފާ ތަކާއި އެކްސްކެވޭޓަރުތައް ގެނެސް ރަށު ތެރޭގައި އަތުރާލާކަމަށެވެ.
ދައުރެއް ފެށި، ހަތަރު އަހަރު، ހަތަރު ބައި ވެގެންދާއިރު ނުހޭލާ މީހުން، ވޯޓަށް ވީމަ ބަންދު ދުވަހެއް ނުބަލައި އެ ތިބެނީ ދަންވަރު ގަޑިއެއް ނުބަލައި އޮފީސްތައް ހުޅުވައި އެ ތިބެނީ ބޯހިޔާވަހިކަން ބާރަށް ހިންގަން،” މި ބާރު ސްޕީޑު ބޭނުންވާ ނަމަ ކޮންމެ ހަ މަހަކުން އިންތިހާބު ބާއްވަން ޖެހޭ” ވައްޑޭ ވިދާޅުވިއެވެ.
އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ނުފޫޒު ބޭނުންކުރުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ގޮވާލައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ދައްކަން މި ޖެހެނީ ހަމަ އެއް ވާހަކައެއް ކަމަށެވެ.
އިންތިހާބުގެ ތެރެއިން ވާ ވައުދުތައް ނުފުއްދާ ކަމުގެ ޝަކުވާ ކޮންމެ ފަސް އަހަރަކުން ކުރުމުގެ ބަދަލުގައި މި ނިޒާމަށް މިހާރު ބަދަލުގެންނަންޖެހޭ ކަމަށްވެސް މިއަދު ވައްޑެ ވިދާޅުވިއެވެ.

