އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެހެންވެ، ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި އެމްޑީޕީއާ ފެޔަށް ޖެހިފައިވާ ފަރާތްތައް އަލުން ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރަން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ގޮވާލައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ހޯދުމަށް މާލޭގެ ސޯސަން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި، ދަ ޑިމޮކްރެޓްސްގައި އުޅުއްވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝިޔާން ވާހަކަ ދައްކަވަމުން ހަނދާކޮށް ދެއްވީ ޕީޕީއެމްގެ ވެރިކަމުގެ އަނިޔާވެރިކަމެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ވަރަށްް ފާޑުވިދާޅުވި އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ރައީސް ސޯލިހުގެ އަޖުމަ ބަލާލުމަށްޓަކައި ހަވާލުކުރި މި ވެރިކަމުގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައިފި ކަމަށާއި ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކޮށްފި ކަމަށާއި ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔޭ ގޮތް ވެއްޖެ ކަމަށް ޝިޔާން ވިދާޅުވި އެވެ.
” ހާސްކަމެއް ނެތި މި ރާއްޖޭގެ ޒުވާނުން އެ ދަނީ ތައުލީމު ހާސިލު ކުރަމުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި “
ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ދޭންޖެހޭ ކަމަކީ ރައްޔިތުންނަށް އިހުލާސްތެރި އޯގާތެރި، އަމާނާތްތެރި ބޭފުޅަކަށް ވާތީ ކަމަށާއި އެފަދަ ބޭފުޅަކު ފެންނަން ހުއްޓައި މާޒީގެ ހިތި ތަޖުރިބާތަކަށް ދާންޖެހިދާނެ ގޮތެއް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ޝިޔާން ވިދާޅުވި އެވެ.

