ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުނިކުތް ސަބަބެއް ކަމުގައި މެޑެމް ފަޒްނާ ދެކެލައްވާ ގޮތް މުޅިން ތަފާތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރެއް އޮންނާތީ ކަމަށެވެ.
ފަޒްނާ މިފަދައިން ވިދާޅުވީ، އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ގަލޮޅުގެ ގެތަކަށް ކުރި ޒިޔާރަތަށްފަހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
އެކަމަނާގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ކަން ވީގޮތާމެދު ދެރަވިޔަސް އެއްވެސް މީހަކު އުންމީދު ކަނޑާ ނުލާ ކަމަށާއި ރާއްޖޭގެ ރަށްތަކަށާއި ރާއްޖޭން ބޭރައް ގުޅައިގެން ރީރެޖިސްޓަރ ކުރަން ތައްޔާރުވަމުން އަންނަ ކަމުގައެވެ. އަދި ފަތުރަމުންދާ ހީލަތްތެރި ދޮގުވާހަކަތަކުގެ ޙަޤީގަތްވެސް މީހުނަށް އޮޅުންފިލުވައި ދެމުންދާ ކަމުގައި ފަޒްނާގެ ފޭސްބުކް ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ފަޒްނާ ބުނެފައިވަނީ އެދާއިރާގެ ގެއެއްގައި ކުއްޔައް އުޅޭބަޔަކާ ވެސް ބައްދަލުކުރި ކަމަށާއި އެފަރާތްތަކުގެ ވަރަށް ބައިވަރު ޝަކުވާތަކެއް ހުރި ކަމަށެެވެ.
އަދި އެހުރިހާ ވާކައެއް އަޑުއެހުމަށްފަހު ވޯޓެއް ދޭންބުނާކަށް ނުކެރޭނެ ކަމަށްބުނުމުން އެމީހުން ހިނިތުން ވެލާފައި ދުވަހަކުވެސް އަދި އެއްވެސް މީހަކު އަދި ޕާޓީއަކުންވެސް އެ އެ ފަރާތްތަކުގެ އަޑު އަހައިފައި ނުވާކަމަށް ބުނި ކަމަށެވެ.
ޕޯސްޓް ނިންމާލަމުން ބުނެފައިވަނީ، މީހުނާ ޒުވާބުކުރުމުގައި ވަގުތުބޭކާރު ނުކޮށް އެންމެންވެސް ވޯޓް ހޯދަން މަސައްކަތް ކުރުމަށެވެ.

