ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި ހުރި ހަމައެކަނި ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓް ހަސަން ޒިހާން ވަޒީފާއިން ވަކިކޮށްފިއެވެ.
އޭނަ ވަޒީފާއިން ވަކިކުރި ކަން "ހުވަދޫ" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އިތުރަށް ވާހަކަ ދައްކަވަމުން ޒިހާން ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.
ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ކުރިއަށް ދާންވީ ގޮތާއި މެދު ލޯޔަރުންނާއި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ޒިހާން ވިދާޅުވިއެވެ.
ޒިހާން އަކީ ޔުނައިޓެޑް ސްޓޭޓްސްގެ ނޭވަލް އެކެޑެމީއިން ނޭވަލް އާކިޓެކްޗަރ އަދި މެރިން އިންޖިނިއަރިންގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި ސިފައިންގެ ތާރީހުގައިވެސް އެ ސިފައިންގޭގައި ހުރި ހަމައެކަނި ނޭވަލް އާކިޓެކްޓެވެ. އެމެރިކާގެ ނޭވަލް އެކެޑެމީއަކީ އެ ޤައުމުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީއެކެވެ. އަދި ވަރަށް އުނދަގުލުން ނޫނީ ނުވަދެވޭ ޔުނިވަސިޓީއެކެވެ.
ސިފައިންގެ ވަޒީފާއިން ޒިހާން ވަކިކޮށްފައިވަނީ މިހާރުގެ ސަރުކާރަށް ތާއީދު ނުކުރާކަމަށް ތުހުމަތުކޮށެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލު ދައްކާ އެކިއެކި ވާހަކަތަކާއި މެދު ސުވާލު އުފައްދާތީ ކަމަށް މައުލޫމާތުލިބެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި، ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޒިހާންގެ ބޭބެ ދޫކޮށްލަން ގޮވާލާ "ފްރީ މައި ބްރޯ" މިހެން ފޭސްބުކްގައި ލިޔުންވެސް ވަޒީފާއިން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ޒިހާން މަގާމުން ވަކިކޮށްފައިވަނީ ސިފައިންގެ ތެރޭގައި އޮންނަ މިލިޓަރީ ކޯޓުން މި މައްސަލަތައް ބެލުމަށްފަހު ފަސްޓް ލެފްޓިނަންޓްގެ މަގާމުން ލެފްޓިނަންޓަކަށް ޑިމޯޓު ކުރުމަށްފަހުގައެވެ.

