ރިޔާސީ އިންތިޚާނުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު 408 ޒުވާނުންނަށް މުޅިން އަލަށް ލިބިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 282،395 މީހުންގެ އިތުރަށް، 408 ޒުވާނުން މި ލިސްޓަށް އިތުރުވެފައިވާ ކަމަށެވެ. އެއީ ސެޕްޓެންބަރު 30 ގެ ކުރިން 18 އަހަރު ފުރޭ 196 އަންހެނުންނާއި، 212 ފިރިހެނުންނެވެ.
ޙަބީބް ވިދާޅުވީ، ބުނެފައިވާނީ ދެވަނަ ބުރުގައި އަލަށް ވޯޓު ލެވޭ ޒުވާނުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން މިއަދު ޢާންމުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވާން ފަށާފައިވާއިރު، މާދަމާ އިން ފެށިގެން މިހާރު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކުން ވޯޓުލާން ބޭނުންވާނަމަ، ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާނެއެވެ. އެގޮތުން ހުކުރު ދުވަހުގެ މެންދުރުފަހު 15:00 ކުން ފެށިގެން އާދިއްތަ ދުވަހުގެ މެންދުރުރުފަހު 16:00 އަކާއި ހަމައަށް އެ ފުރުޞަތު ހުޅުވާލެވިފައި އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން ކުރި ހޯއްދެވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

