މި ސަރުކާރުގެ ދެވަނަ ބުރުގެ ސްޓްރޭޓެޖީ އަކީ ދޮގު ހެދުން ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ، މިއަދު އއ. ފެރިދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް މުޢިއްޒު ދަތުރު ކުރެއްވެވީ ލައްކައަކަށްވުރެ ގިނަ ވޯޓާއިއެކުގައެވެ. ދެވަނަ ބުރުގެ ކެމްޕެއިނަށް މުއިއްޒު މިއަދު އަރިއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އ.އ ފެރިދުއަށް ވަޑައިގަތުމުން، އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައިވެއެވެ.
އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަވައި މުއިއްޒު ވިދާޅުވީ އިންތިހާބާއި ދިމާކޮށް ސަރުކާރުން ދަނީ ބިރުދެއްކުމުގެ ނޭއްގާނީ އަމަލު ހިންގަމުން ކަމަށެވެ. ވަޒީ ގެއްލިދާނެ ކަމުގެ ބިރުވެރިކަމުގައި ކޮންމެ ރަށެއްގައި ވެސް ކުންފުނިތަކުގައި ވަރަށް ބައިވަރު މުވައްޒަފުން އެބަތިބި ކަމަށެވެ.
މުއިއްޒު ވަނީ ސަރުކާރުން އުފައްދާފައިވާ އެ ބިރު ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. އޭނާގެ ވެރިކަމެއްގައި ސިޔާސީ މަގާމެއް ފިޔަވާ އެހެން މަގާމެއްގައި ތިބި އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ދޮގު ހަދަނީ ވަކި ވަރެއް ބާލަފައެއް ނޫން ކަމަށެވެ. މި ސަރުކާރުގެ ދެވަނަ ބުރުގެ ސްޓްރޭޓެޖީ އަކީ ދޮގު ހެދުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުން އެއަށްވުރެ މާ ހޭލުންތެރި ކަމަށާއި، އެހެންކަމުން ސަރުކާރުން ދައްކާ ދޮގު ވާހަކަތަކާމެދު ކަންބޮޑުނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ކެމްޕެއިން ފެށިގެން ކުރިއަށްދާއިރު، ސަރުކާރަށް ތާޢީދު ކުރައްވާ ފަރާތްތަކުން ވަރަށް ބޮޑަށް އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

