ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިި ގުޅިގެން މަސައްކަތް ކުރުމަށް ފުރަތަމަ ބުރުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފާރިސް މައުމޫނާއި، ޕީޕީއެމް ޕީއެންސީން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ޚާއްސަ ޓީމާއި ފާރިސް މައުމޫނާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މިއަދު ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
“ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ޚާއްސަ ޓީމާއި ފާރިސް މައުމޫނާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން މިއަދު ވަރަށް ކާމިޔާބު ބައްދަލުވުމެއްވަނީ ބާއްވާފައި.މިބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ފާރިސްމައުމޫންގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކަކާ ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައި”
-ހީނާ ވަލީދް، ޕީޕީއެމްގެ ތަރުޖަމާން-
ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމަށް ޕީޕީއެމް/ޕީއެންސީ އިން ފާރިސް މައުމޫނާއި އެކު މިއަދު މަޝްވަރާ ކޮށްފައިވާ އިރު، އިއްޔެ ވެސް ޕީޕީއެމް/ޕީއެންސީ އިން ފާރިސް ނިސްބަތްވާ އެމްއާރްއެމްގެ ލީޑަރޝިޕް އާއިއެކު ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. ނަަމަވެސް އިއްޔެެ ބައްދަލުވުމުގައި ފާރިސް މައުމޫން ބައިވެރި ވެފައެއް ނުވެއެވެ.
އިދިކޮޮޅު ލީޑަރޝިޕްގެ ބޭފުޅުން ކޯލިޝަން ހެދުމުގެ މަޝްވަރާތަކުގައި އަވެދިނެތި ކުރިއަށް ދާއިރު، ކެންޑިޑޭޓް ޑރ. މުއިއްޒު އަދި ރަނިންމޭޓް ހުސެއިން މުހައްމަދު (ސެންބެ) ގެންދެވަނީ އަތޮޅުތެރޭގައި ކެންޕެއިން ދަތރުތަށް ކުރިއަށް ގެންދަވަމުންނެވެ.

