ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމަކީ މީސްތަކުންނަށް ހައްގު އޮޅުވާލާނެ ކަމެއް ކަމަށާއި އެއީ ބޮޑުވެގެންވާ ފާފައެއްކަމުން މީސްތަކުން ހަމަ މަގުން އެއްކިބާ ކުރުވާނެ އަދި އެކަމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑު އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަން،” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުޖުތަމައު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސްއެޅުމަށް މަސައްކަތްކުރާ މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ ދޮގު ވާހަކަތަކާއި ދޮގު ހަބަރުތައް ފެތުރުން ކަމަށެވެ.
ހުތުބާގައި ބުނީ، މިއަދު މުވާސަލާތީ ވަސީލަތްތައް ތަރައްގީ ވެފައިވާ މިންވަރަށް ބަލާއިރު ކިތަންމެ ދުރުގައި ހިނގާކަމެއްވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީސްތަކުންނާ ހަމައަށް އަންނަ ކަމަށާއި ނަތީޖާއަކީ ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން އިހުނަށްވުރެ ބޮޑުވުން ކަމަށެވެ.
އަދި ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި އެފަދަ ވާހަކަތައް ގަބޫލުކުރުމުގެ ސަބަބުން އިންސާނުން ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ކީރިތި ޤުރުއާނުގައި އައިސްފައިވާ ކަމަށް ބުންޏެވެ. އެގޮތުން އިބިލީހުގެ ވާހަކަ އާދަމުގެފާނަށް ގަބޫލު ކުރެއްވުމުގެ ނަތީޖާއަކަށްވީ ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގެން، ބުރައެއް ނެތް ހަޔާތަކުން ބުރަ ހަޔާތަކަށް ދިރިއުޅުއްވުން ބަދަލުވެގެން ދިޔަކަން ފާހަގަކުރި އެވެ.
ހުތުބާގައި ބުނީ ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން ދޮގުހެދުމާއި ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން މާތް ﷲ ހަރާމް ކުރައްވައި ދޫ ރައްކާތެރިކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.
އަދި ދޮގު ހަބަރު ފަތުރާ މީހަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށާއި އޭނާއަކީ އޭނާގެ ތަބީއަތުގައި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި ބުނީ އެއީ މުޖުތަމައުގެ އަމަން އަމާންކަމުގެ ހައްގުގައި ބޮޑު ޖަރީމާއެއް ކަމަށާއި އެއީ އޭނާގެ ދީނުގެ ހައްގުގައިވެސް ޖަރީމާއެއް ކަމަށެވެ.

