ދެވަނަ ބުރެއްގައި ރައީސް ޞާލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހު 25 ގައި ނިޒާމީ ވޯޓަކަށް ދިޔުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭގޮތުން އެމްޑީޕީން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
ދެވަނަ ބުރެއްގައި ރައީސް ޞާލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއް. އެމްޑީޕީ މިވަގުތު ވިސްނަންވީ އުފެދެން އުޅޭ ރިޔާސަތުގެ ބާރުތަކާއި ގުޅޭގޮތުން – ރައީސް ނަޝީދު –
މިކަމާއި ގުޅުވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއްކަމަށެވެ. މިވަގުތު އެމްޑީޕީގެ ޢާންމު މެމްބަރުން ވިސްނަންވީ އުފެދެން އުޅޭ ރިޔާސަތުގެ ބާރުތަކާއި ގުޅޭގޮތުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެ ޕާޓީ ގަބޫލުކުރާ އެންމެ މުހިންމު އެއް ސިޔާސަތެއް ކަމަށް މެންބަރުން ބުނަމުން އައީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރު ޑިމޮކްރެޓްސްގައި އިސްކޮށް މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ކަމެކެވެ.
ނިޒާމީ ވޯޓުގެ ހުށަހެޅުން ޑިމޮކްރެޓްސް އިން ހާމަކޮށްފައި ވާއިރު ރިޔާސީ އިންތިހާބުގައި ދެ ވަނަ އަށް ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މަޝްވަރާކުރައްވަމުންނެވެ.

