ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު ފިރިހެނަކު މަގުމަތީގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ، މަގުމަތީގައި މީހަކު ވެއްޓިފައި އޮތް ކަމަށް ބުނެ ކަމަށެވެ. ފުލުހުންނަށް އެ ރިޕޯޓު ލިބުނީ ހެނދުނު 8:00 ހާއިރެވެ.
އެ މީހާ ވެއްޓިފައި އޮތީ ހުޅުމާލޭ އުނިގަސްމަގުގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
“އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި ދުވަން ނުކުމެ އުޅުނު ކަމަށް ބެލެވޭ،” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ފުލުހުންނަށް މިހާތަނަށް ދަނެގަނެވިފައެއް ނުވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.

