ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ފިނޭއަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ސަރުކާރާ ހަމައަށް ގެނެސްދޭނެ ވަސީލަތަކަށް ކައުންސިލްތައް ހަދަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެކަމަށްޓަކައި ވަކި ހާއްސަ މިނިސްޓްރީއެއް ގާއިމްކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ ތެރެއިން ވެސް ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“ހަމައެކަނި ގްރާންޓުން ކަނޑައެޅޭ ފައިސާއެއް ނޫން. ސަރުކާރުގެ ނިޒާމުގެ ތެރެއިން ވެސް ފައިސާގެ ފުރުސަތު ފަންޑިންގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމަ ވަރަށް ރަނގަޅަށް ބާރުވެރި ކުރެވިފައިވާ ކައުންސިލްތަކަށް މަސައްކަތް ކުރެވެމުންދާތަން ފެންނާނެ.”
ދެވަނަ ބުރުގެ ކެމްޕެއިން މުއިއްޒު ފެއްޓެވީ އއ. އަތޮޅާއި އދ. އަތޮޅުންނެވެ. އޭގެ ފަހުގައި، މިއަދު މުއިއްޒުގެ ދަތުރު ފެއްޓެވީ ހއ. އަތޮޅާއި ހދ. އަތޮޅުންނެވެ. އެ ދެ އަތޮޅުގެ ގިނަ ރަށްތަކަކަށް މުއިއްޒު ވަޑައިގަންނަވާ އިރު، ށ. އަތޮޅުގެ ރަށްތަކަށް މުއިއްޒު ވަޑައިގަންނަވާނެއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނެވީ ނަތީޖާ ނެރެދިނުމުގެ ބޭނުމުގައެވެ. އެހެންވެ، ރައްޔިތުން އިހްލާސްތެރިކަމާ އެކީގައި އޭނާ އަށް ވޯޓު ދެއްވާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

