ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައިި އެމީހަކު ވޯޓު ލުމަށް ރަޖިސްޓްރީވެފައިވަނީ ރަނގަޅު ތަނަށްކަން ކަށަވަރުކުރުމާއި، އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް ޕީޕީއެމް ޕީއެންސީން އިލްތިމާސްކޮށްފިއެވެ.
އިންތިޚާބުގެ ދެވަނަ ބުރަށް 2 ދުވަސްތެރޭ ވަނީ 25493 މީހުން ރީ ރަޖިސްޓްރޭޝަނަށް ހުށައަޅާފައެވެ. އަދި މިއަދު ހަވީރު އެ މުއްދަތު ހަމަވުމުން އެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވެއެވެ. މި ޢަދަދުތައް މަތިވެފައިމިވަނީ އައިޑީކާޑު ގަނެ އަދި ބައެއް މީހުންނަށް ނޭނގި ރީ ރަޖިސްޓްރީކުރާކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށެވެ.
މިކަމުގެ ކަންބޮޑުވުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވެސްްވަނީ ފާޅުކޮށްފައެވެ.
މުއިއްޒު ވިދާޅުވީ، ދެދުވަހުގެތެރޭ 25 ހާހަށްވުރެ ގިނަ މީހުން ރީ ރަޖިސްޓްރޭޝަނަށް ހުށައެޅުމުން ސުވާލު އުފައްދަވާފައެވެެ. މުއިއްޒު ވިދާޅުވީ، މިއީ ސިޔާސީ ހުރިހާ ޕާޓީތަކާއި، ބައިނަލްއަޤްވާމީ މޮނިޓަރުންނާއި، އޮބްޒާވަރުންނާއި، ކަމާބެހޭ އެހެން ފަރާތްތަކުން ސީރިއަސްކޮށް ބަލަންޖެހޭކަމެއްކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އެ ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅޭނެގޮތަށް މަސައްކަތްތައް ގެންދިއުމަށްކަމަށް ބުނެފައިވެއެވެ. އަދި އެމީހެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލޭގޮތަށް ޢަމަލުކުރުމަކީ ޤާނޫނީ ކުށެއްކަމަށާއި، މިގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫން ކަނޑައަޅާފައިވާގޮތަށް ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ޕީޕީއެމް ޕީއެންސީ ގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންތިހާބުގެ ދެވަނަބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓުފޮށި ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

