ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ ވި ވައުދަކީ މިހާތަނަށް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުން ވެފައިވާ އެންމެ ފުރިހަމަ ވައުދުކަމަށް ގިނަ ރައްޔިތުން ބުނަންފަށައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ޕަބްލިކް ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ތެލަސީމިއާ ކުދިން ރާއްޖޭގައި ވަރަށް ގިނައިރު އެފަދަ ކުދިންނަށް ބޯންމެރޯ ހެދޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ.
އެގޮތުން ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި އެފަދަ ކުދިންނަށް އެ ފަރުވާ ދައުލަތުން ހަމަޖައްސައި ދެއްވާނެކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޒަކާތު ފަންޑުގެ ތެރެއިން ބައެއް ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވެއެވެ. މުއިއްޒު ވިދާޅުވީ މި ހިދުމަތް ސަރުކާރުގެ ތެރެއިން އަދި ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކުރެވެންޖެހޭ ކަމަށެވެ. ތެލަސީމިއާ ކުދިން ތިބޭ އާއިލާތަކުން ބޮޑެތި ތަކްލީފްތަކެއް އުފުލަމުންދާ ކަންވެސް މުއިއްޒު ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ އާބާދީގެ 18.1 ޕަސެންޓަކީ ތެލެސީމިއާ ކެރިއަރުންނެވެ. މާނައަކީ ރާއްޖޭގައި އުފަންވާ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ ކެރިއަރެކެވެ. އަދި ވިހާ ކޮންމެ 120 ކުއްޖަކުން އެއްކުއްޖަކީ ތެލެސީމިއާ ކުއްޖަކެވެ. ކުރާ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ކެރިއަަރުންގެ ދެމެދުގައި ކުރެވޭ ކައިވެންޏެވެ.
ތެލަސީމިއާގެ 700 އަށްވުރެ ގިނަ ކުދިން ތެލަސީމިއާ ސެންޓަރުގައި ރަޖިސްޓަރީކޮށްފައިވާ އިރު މިހާރުވެސް 560 ކުދިން ހިދުމަތް ހޯދަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އާސަންދައިން ތެލަސީމިއާ ކުދިންނަށް ހިލޭ ފަރުވާ ލިބުނު ކަމުގައި ވިޔަސް އިތުރުވަމުން އަންނަ ތެލެސީމިއާ ބައްޔަކަށް ލުޔެއް ނެތްކަމަށާއި އާސަންދައާއެކު އެކަމަށް ފަރުވާ ކުޑަކޮށްފިނަމަ އެއީ ވަރަށް ބޮޑު ގޯހަކަށްވާނެ ކަމަށް އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ބޯންމެރޯ ހެދުމަކީ އަމިއްލަ ހަރަދުގައި ކުރާނަމާ ވާރަށް އަގުބޮޑު ފަރުވާއެކެވެ.

