ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށިގެން އައި އިރު ރަށްރަށަށް ލީޑަރުންގެ ޝަރަފުގައި މަރުހަބާ ދެންނެވުމަށް ސަޕޯޓަރުން ނިކުތުމަކީވެސް ނަތީޖާ މިނެކިރުމުގައި ބަލަމުންއަންނަ އެއްކަމެވެ.
ވަކިން ހާއްސަކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާއިރު އާދަޔާހިލާފަށް ތައްޔާރުވަމުންދާކަމަށް ފާހަގަ ކުރެވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ކެމްޕެއިން ޓީމްތަކުން އަވަސްވެގަތީ ދެވަނަބުރުގެ ކެމްޕެއިން އަވަހަށް ފަށައިގަތުމަށެވެ.
ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް ދިމާވި މައްސަލަތަށް ދެނެގަނެ، މިހާރު އެކަން އެކަން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

ރައީސް މިސާލު ނެންގެވީ ފުރަތަމަ ބުރަކީ ފުޓްބޯޅަ މެޗެއްގެ ފުރަތަމަ ހާފްގެ ގޮތުގައެވެ.
ފުރަތަމަ ހާފްގައި ދިމާވި މައްސަލަތައް ދެނެގަނެ، ބަދަލުކުރަންޖެހޭ ކުޅުންތެރިން ބަދަލުކޮށްފައިވާ ކަމަށެވެ. ދެވަނަ ހާފުގައި މޮޅަށްކުޅެ ނަތީޖާ ބަދަލުކުރާނެކަމުގެ ޔަގީން ކަންވަނީ ދީފައެވެ.
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ، ފުރަތަަމަ ބުރުގައި ލިބުނު ނަތީޖާއަކީ ތަފާތު ބޮޑުކޮށް ލިބުނު ނަތީޖާއެއް ނަމަވެސް އެޕާޓީން އަވަސްވެގަތީ ދެވަނަބުރުގެ ދަތުރުތަށް ފެށުމަށެވެ.
ޑރ. މުއިއްޒު މާލޭގައި ޖަލްސާއެއް ބޭއްވުމަށްފަހު އަތޮޅުތެރެއަށް ދަތުރު ފައްޓަވާފައިވާއިރު އެންމެ ފުރަތަމަ ވަޑައިގެންނެވީ އ. އަތޮޅަށެވެ. އއ. އަކީ އެމްޑީޕީން އަގުލަބިއްޔަތު ނެގި އަތޮޅެކެވެ. އެހެންކަމުން މިފަހަރު މުއިއްޒުގެ މިސްރާބު ހުންނެވީ މަދުން ވޯޓު ލިބުނު ދާއިރާތަކަށް އަލުން ވަޑައިގެންނެވުމަށްކަމަށް ބެލެވެ އެވެ. މުއިއްޒު އަށް އަގުލަބިއްޔަތު ނުލިބުނީ ތިން އަތޮޅަކުންނެވެ. އެއީ ޅ. އަތޮޅާއި އއ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އެވެ.
ރައީސް ޞާލިހާއިއެކު އެއްވެސް އިތުރު ޕާޓީއަކުން ކޯލިޝަނެއް ނުހަދަ އެވެ. އެހެންނަމަވެސް ހުރިހާ ޕާޓީތަކާއިއެކުވެސް މަޝްވަރާ ކުރި އެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރުގައިވެސް އެންމެ މުހިންމު ޕާޓީއަކަށް ވަނީ ޖޭޕީ އެވެ. މިފަހަރު ދިމާވީ މުޅިން އެހެންނެކޭ ދެންނެވޭކަށް ނެތެވެ. ސަބަބަކީ ގާސިމަށް ލިބިވަޑައިގެންނެވީ ފުރަތަމަ ބުރުގެ ވޯޓުން ގާތްގަނޑަކަށް 2.5 އިންސައްތަ ކަމަށް ވާތީ އެވެ. މި އަދަދަކީ ދެވަނަ ބުރުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެވޭނެ އަދަދެއް ނޫނެވެ.
ކޮންމެއަކަސް ރައީސް ޞާލިހަށް އިތުރުު ޕާޓީތަކުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެއެވެ. ޑިމޮކްރެޓްސްގެ ތާއީދު ލިބުމަކީ މިވަގުތަށް ބަލާއިރު އުނދަގޫ ކަމަކަށް ވާއިރު، ފާރިސް ނުވަތަ އުމަރު ނަސީރުގެ ތާއީދުވެސް ރައީސް ޞާލިހަށް ބޭނުންވާނެ އެވެ. އެހެންނަމަވެސް މި ދެ ކެނޑިޑޭޓުންގެ ތާއީދުވެސް ލިބުމަށްވުރެއް ގާތީ ނުލިބުމެވެ.
ވަރަށް ހަނި ފުރުސަތަކުން މި ރިޔާސީ އިންތިހާބު ރައީސް ޞާލިހަށް ކާމިޔާބު ކުރެވިދާނެ އެވެ. ރަނގަޅު ސްޓްރެޓެޖީއެއް އެކުލަވާލައި ރަނގަޅަށް ކެމްޕެއިން ކުރެވިއްޖެނަމަ މިއީ ނުވާނެ ކަމެކޭ ދެންނެވޭކަށް ނެތެވެ. އެހެންނަމަވެސް ސިޔާސި މަސްރަހު ދިރާސާ ކުރައްވާ ގިނަ ބޭފުޅުން ހިސާބު ޖައްސަވަނީ މިއީ ޑރ. މުއިއްޒުގެ ފަހަރެއް ކަމަށެވެ.
އެމްޑީޕީގެ ކެމްޕެއިންގައި މާ ގަދަ ފޯރިއެއް ނެތޭ ދެންނެވުން ކުށަކަށް ނުވާނެ އެވެ. މާލެއާއި ހިލާފަށް އަތޮޅުތެރޭގައި ކެމްޕެއިންގެ އެއްވެސް ފޯރިއެއްވެސް ނެތެވެ.
ރައީސް ޞާލިހުގެ އަނބިކަނބަލުން ސިޔާސީ ކަންކަމާއި ދުރުގައި ހުންނަވާނެކަމަށް ވިދާޅުވުމަށްފަހު އެކަމަނާވެސް މިވަނީ ކެމްޕެއިނަށް ނިކުމެވަޑައިގެންފަ އެވެ. އެހެންނަމަވެސް ކޯލިޝަންގައި އޮތް އެމްޑީއޭގެ އަޑު މުޅިންހެން ކެނޑިއްޖެ އެވެ. އެމްޑީއޭއިން ކޯލިޝަނާއި އެއްފަރާތަށް ޖެހިފައިވާކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެޕާޓިގެ ބައެއް ބޭފުޅުން އެކަން ދޮގު ކުރެ އެވެ.
ދެވަނަ ބުރުގެ ކެމްޕެއިން ފެށިގެން ކުރިއަށް ދާއިރު މަންޒަރުން ބުނެދެނީ އެމްޑީޕީ އަށްވުރެ ޕީޕީއެމް ޕީއެންސީގެ ކެމްޕެއިން ފޯރި މާބޮޑަށް ގަދަ ކަމެވެ.
ދެވަނަބުރުގެ ވޯޓަށް ގާތްގަނޑަކަށް ދިހަވަރަކަށް ދުވަސްވީއެވެ. ތާރީހީ ރިޔާސީ އިންތިހާބުގެ ގޮތްނިންމާާނީ ރައްޔިތުންނެވެ.

