ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ތާއީދާ އެކު، ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވޯޓަށް އަހަން ފެންނަ ކަމަށް ނިންމައިފި ނަމަ، އެކަން ކުރަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަން ކޮމިޝަންގައި އެދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފަހުން ނިޒާމީ ވޯޓަކަށްދާ ނަމަ، އެއީ ކުރެވިދާނެ ކަމެއް ކަމަށް ކުރިން ވެސް އެ މަނިކުފާނު ވިދާޅުވެފައިވާނެ ކަމަށާއި އެކަމަކު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެ ވޯޓު ނަގަން އުޅެފި ނަމަ ވަރަށް އުނދަގޫ މައްސަލައަކަށް އެކަން ވާނެ ކަމަށެވެ.
މިހާރު ހުށަހަޅާފައި އެ އޮތީ އޮކްޓޯބަރު 30 ގައި ވޯޓު ނަގަން. އެހެންވިއްޔާ އެއީ ވާހަކަ ދައްކައިގެން ކުރިއަށް ގެންދެވިދާނެ ކަމެއް. އެކަމަށް ތައްޔާރުވާން އެންމެ ކުޑަކޮށް ވެސް 30 ދުވަސް ލިބެންޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުން ވެސް ބުނި. އަނެއްކާ މިކަހަލަ ކަމެއްގައި ރައްޔިތުން ހޭލުންތެރިކުރަން ވެސް ޖެހޭނެ: ރައީސް ސޯލިހު
“ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގެ ތެރޭ އެ ވޯޓު ނަގަން ކަނޑައަޅައިފި ކަަމަށްވާ ނަމަ، ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން އިލެކްޝަން ކޮމިޝަނަށް އެކަން ކުރުމަށް އަޅުގަނޑަށް ރިކްއެސްޓް ކުރެވޭނެ.”
ބަރުލަމާނީ ނިޒާމެއް ގެންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ވޯޓަކަށް އެހުމަށް ގޮވާލައި ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ގަރާރުގައިވާ ހުށަހަޅާފައިވަނީ އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓަކަށް ދިޔުމަށެވެ. މަޖިލީހުން މިއަދު ވަނީ އެމްޑީޕީ ބައެއް މެންބަރުންގެ ތާއީދާ ވެސް އެކު އެ ގަރާރު ބަލައިގެންފަ އެވެ.

