ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް އަންނާނެކަން އެނގޭ ކަމަށާއި، އެކަމަށް ތައްޔާރުވެ ޕްލޭންތައް ކުރީބައިގައި ހަދަމުންދިޔަ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން މާލޭގެ އެކި ޖަގަހަތަކުގައި އެމްޑީޕީން މިހާރު ކުރިޔަށްގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އަންގާރަ ދުވަހުގެ ރޭ ގަލޮޅު ޖަގަހައިގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެކަން ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާލުމުންވެސް އެނގޭކަމަށެވެ.
ނަތީޖާއަށް ބަލާއިރު އެކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް. 30،000ށް ވުރެގިނަ ވޯޓު އެހެން ކެންޑިޑޭޓުން ނަގާފައި އެބައޮތް. މިއީ ދެވަނަ ބުރަކަށް އަންނަންޖެހުނު ސަބަބު. އަޅުގަނޑުމެން މިތިބީ ދެވަނަ ބުރަކަށްވެސް ތައްޔާރުވެގެން. ވަރަށް ރަނގަޅަށް ތައްޔާރުވެގެން މިވަގުތު އަތުވެދާނެކަމަށް ވިސްނާ ޕްލޭން ކުރަމުންދިޔައީ. އަޅުގަނޑުމެންނަށް މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން. އަޅުގަނޑު ކުރީ ރޭ ދެންނެވިފަދައިން އަދި މިކުޅެވުނީ އެއް ހާފް.
މީގެކުރިން ރައީސް ވިދާޅުވި ވާހަކަ ތަކުރާރުކުރައްވާ ވިދާޅުވީ ނިކުމެ މިތިބީ މެޗަކަށް ކަމަށާއި އަދި ކުޅެވުނީ އެއް ހާފުކަމަށެވެ. ހާފް ޓައިމުގައި ޗޭންޖުރޫމަށް ވަދެ ކަންކަން ރާވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ތިން ގޯލު އެއް ގޯލުގެ ޑެފިސިޓެއްގައި މިތިބީ. ހާފް ޓައިމްގައި ޗޭންޖު ރޫމަށް ވަދެ އަލަށް ރާވައިލައިފިން. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންނާއި ފޯވާޑުން އެބަތިބި. ޝާހު ގޯލުޖަހާނެ. ދެވަނަ ހާފަށް މިނިކުންނަނީ މާގަދަކޮށް. އިރާދަކުރެއްވިއްޔާ މިއިންތިޚާބު ކާމިޔާބުކުރާނީ ބޮޑު ތަފާތަކުން.
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިން ފެއްޓުުމުގެ ގޮތުން ރައީސް ސޯލިހު ވަނީ މުޅި. މާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުމަށް ހަމަޖެހިފައިވާ ތާރީހަކީ މިމަހުގެ 30 ވަނަދުވަހުއެވެ.

