ފިކްނިކް އައިލެންޑް ކުޑަގިރި ވޯޓާ ސްލައިޑުން ފައިބަނިކޮށް މޫދު އަޑީގައި ބޯޖެހި ކަނދުރާ ބިނދުނު ޒުވާނާ ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
ކުޑަގިރީގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ. މި ހާދިސާގައި ނިޔާވީ، ހ. ޕޯޓްސައިޑް، 34 އަހަރުގެ އުމަރު އަބްދުލްހަންނާނެވެ.
އުމަރު އެކްސިޑެންޓުވީ ވޯޓާ ސްލައިޑުން ބޯކޮޅު ވަތަށް ސްލައިޑްކޮށްލުމުން ކަމަށާއި، ވަރަށް ބާރަށް ގޮސް މޫދު އަޑީގައި ބޯ ޖެހުނީ ކަމަށެވެ. ހާދިސާ ހިނގުމާއެކުހެން، ވަގުތުން މާލެ ގެނެސްގެން ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދޭން ފަށާފައެވެ. އައިޖީއެމްއެޗުން ފަރުވާދެމުން ދަނިކޮށް އުމަރުގެ ހާލަތު ގޯސްވާން ފެށުމުން އިއްޔެ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އުމަރުގެ ސިކުނޑި މަރުވެފައިވާކަން އެނގުނީ އޭޑީކޭއަށް ގެންދިޔަ ފަހުންނެވެ. އޭޑީކޭގައި ފަރުވާދެމުން ދެނިކޮށް އުމަރު ނިޔާވީ މިއަދުގެ ވަގުތެއްގައެވެ.
މިހާދިސާ ހިނގިކަން އާބަންކޯ އިން ވެސް ވަނީ ޔަގީން ކޮށްދީފައެވެ.
އާބަންކޯއިން ބުނި ގޮތުގައި ކުޑަގިރި ޕިކްނިކް އައިލެންޑުގެ ވޯޓާ ސްލައިޑަކީ ކުޑަކުދީންނަށް ހާއްސަ ކޮށް ހަދާފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން ބޮޑެތި މީހުން އެ ތަނުގެ ބޭނުން ނުކުރުމަށާއި ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ނުކުރުމަށް އާބަންކޯއިން ބުނެފައިވެއެވެ.
ހަމައެހެންމެ މި ހާދިސާއާމެދު ހިތާމަ ކުރާ ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.
އުމަރުގެ ޖަނާޒާ ބޭއްވީ މިރޭގެ އިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

